އައްޑޫ ސިޓީ ކައުންސިލަށް އިނގިރޭސި ސަފީރު އޮޅިއްޖެ
އައްޑޫ ސިޓީ ކައުންސިލަށް، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އޮޅި، ފަތުރުވެރިޔަކަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
އިނގިރޭސި ސަފީރު، ކެރަން ރޮހްސްލާ، ކަމަށް ހީކޮށް އައްޑޫސިޓީން މަރުހަބާ ދެންނެވީ އައްޑޫގައި އީކުއޭޓާ ވިލޭޖަށް ދިޔަ ފަތުރުވެރިއަކަށެވެ.
އައްޑޫއަށް އިނގިރޭސި ސަފީރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެކަމަނާގެ ފިރިކަލުންނާ އެކުގައެވެ.
ސަފީރު ކަމަށް ހީކޮށް އައްޑޫ ކައުންސިލުގެ ދެ އަންހެނަކު، ފަތުރުވެރިޔާ އަށް މަރުހަބާ ކިޔާފައި ވަނީވެސް ވީއައިޕީ ލޯންޖު ތެރެއިންނެވެ. އޭރު ސަފީރު ހުންނެވީ ޑޮމެސްޓިކް އެއާޕޯޓުގައެވެ.
މަރުހަބާ ދެންނެވުނީ އައްޑޫއަށް ދިޔަ ފަތުރުވެރިޔަކަށްކަން އެނގުމުން ކައުންސިލުން ވަނީ ޑޮމެސްޓިކް ޓާމިނަލަށް ގޮސް ސަފީރަށް މަރުހަބާ ދަންނަވައިފައެވެ.
''ވޮއިސް'' އަށް މައުލޫމާތުދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، ސަފީރު އައްޑޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފިރިކަލުންނާއެކުއެވެ. އޭރު ކައުންސިލަރުން ތިއްބެވީ ވީއައިޕީ ލޯންޖްގައި ކަމަށެވެ.
ފުލައިޓު ޖެއްސުމާއެކު އެއާޕޯޓުގެ މެނޭޖަރަކަށް ހުރި މީހާ، ފުލައިޓުން ފުރަތަމަ ފޭބި މީހާ ވެހިކަލަށް އަރުވައިގެން ވީއައިޕީއަށް ގެންދިޔުމުން، އެއީ ސަފީރުގެ ފިރިކަލުން ކަމަށް ހީކުރެވުނު ކަމަށެވެ. ނަމަވެސް ސަފީރަކީ އަންހެނެއްކަން އެނގިފައި އޮތުމުން އެއީ ސަރީފު ނޫންކަން ޔަގީންވި ކަމަށް ސޯދިގު ވިދާޅުވިއެވެ.
އޭރު އޭނާ ހުންނެވީ ވީއައިޕީ ލޮންޖުގެ ބޭރުގައި މަޑުކޮށްލައިގެން ކަމަށާއި ފަތުރުވެރިޔާ ގެނައުމުން އޭނާއަށް ކައުންސިލުގެ ދެ އަންހެނަކު މަރުހަބާ ދެންނެވި ކަމަށެވެ. އޭގެފަހުން ސަފީރު ޑޮމެޓިކް އެއާޕޯޓު ތެރޭގައި އާންމުންނާއެކު ހުރިކަން އެނގުމުން، އެތަނަށް ގޮސް ސަފީރުގެ ދެ ކަނބަލުންނަށް މަރުހަބާ ދަންނަވައި، އެކަން އެގޮތަށް ހިނގި ވާހަކަވެސް ސަފީރަށް ދެންނެވި ކަމަށް ސޯބެ ވިދާޅުވިއެވެ.
''އެއީ އެއާޕޯޓުގެ މިސްޓޭކެއް، ފުލައިޓުން ފުރަތަމަ ފޭބިމީހާ ވެހިކަލަށް އަރުވައިގެން މެނޭޖަރު، ވީއަޕީއަށް ގެންނާކަށް ވެސް ނުޖެހޭ. އެވަގުތު ފޮޓޯނަގައި، މީސްމިޑިއާގައި އާންމުކުރީވެސް އެއާޕޯޓުގެ މުވައްޒަފުން. ކައުންސިލު ބަދުނާމު ކުރަން ކުރި ކަމެއް އެއީ.'' ސޯބެ ވިދާޅުވިއެވެ.
އައްޑޫ ސިޓީ ކައުންސިލަށް ސަފީރު ނޭނގުމުން، މީސް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ކައުންސިލަށް އަމާޒުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް