ހިގުއައިން ޗެލްސީއަށް، މޮރާޓާ އޭސީ މިލާންއަށް
65 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް ރެއާލް މެޑްރިޑުން ޗެލްސީއަށް ބަދަލުވި ފޯވަޑް އަލްވާރޯ މޮރާޓާ އޭސީ މިލާނަށް ލޯނަށް ދޫކުރުމަށްފަހު އޭސީ މިލާނުގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ޗެލްސީއަށް ގެނައުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމުގައި މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
އުމުރުން 26 އަހަރުގެ މޮރާޓާއަށް މި ސީޒަނުގައި މިހާތަނަށް ޖެހިފައިވަނީ އެންމެ ހަތް ލަނޑެވެ. އޭގެ ތެރެއިން ފަސް ލަނޑަކީ އޭނާ ލީގުގައި ޖަހާފައިވާ ލަނޑުތަކެވެ.
44 ޕޮއިންޓް ލިބިގެން އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ހަތަރުވަނައިގަ އޮތް ޗެސްލީއަށް މި ސީޒަނުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލަނޑު ނުޖެހުމެވެ. އެގޮތުން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ރެލިގޭޝަން ޒޯނުގައި އޮތް ސައުތްހެމްޕްޓަންއައި ދެކޮޅަށްވެސް ޗެލްސީއަށް ލަނޑެއް ޖެހިފައެއްނުވެއެވެ. އެ މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ޗެލްސީގެ ކޯޗް ސަރީ، ގޯލް ކުރިމަތީ ކާމިޔާބު ފޯވަޑެއް ބޭނުންވެފައިވާ ކަމަށައި އޭގެ ހައްލެއްގެ ގޮތުގައި އޭނާ ދެކެނީ ކުރިން ނަޕޯލީގައި އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ހިގުއައިން ކަމަށްވެއެވެ. ސަރީގެ އަމާޒަކީ ހިގުއައިން ޗެލްސީއަށް ގެނެސް ހަޒާޑްއާއެކު ކުޅުވައި ރަނގަޅު ނަތީޖާތަކެއްނެރެ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކޮށް ލީގަށް ވާދަކުރުން ކަމުގައި ބެލެވެއެވެ.
ސަރީވަނީ ޗެލްސީއައި ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެންވެސް ހިގުއައިން އެޓީމަށް ގަނައުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް