ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުގެ ސަބަބުން އިންފްލޭޝަން މަތިވާނެކަމަށް ނުބެލެވޭ: އެމްއެމްއޭ
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއެކު، އިންފްލޭޝަން މަތިވާނެކަމަށް ނުބެލެވޭކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
މި އަހަރަށް ހަރަދު ވާނެ ކަމަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. ނަމަވެސް ސަރުކާރުން މިއަދު ވަނީ އިތުރު 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުން މަޖިލީހުގައި އެދިފަ އެވެ.
މަޖިލީހަށް ހުށަހެޅި މާލީ ހިސާބުތަކަށް ބަލާއިރު، ސަޕްލިމަންޓަރީ ބަޖެޓު ނުލައި މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލަފާ ހޯދަން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑެޕިޔުޓީ ގަވަރުނަރު އައިޝަތު ޒާހިރާ ވިދާޅުވީ، ޑެފިސިޓް އިތުރުވެގެން ދިޔުމުގެ ސަބަބުން މާލީ ނިޒާމަށް އެކަމުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލީ ނިޒާމަށް އިތުރު ވެގެންދާ ފައިސާ އާއެކު އިންފްލޭޝަން މަތިވެދާނެކަމަށް އެމްއެމްއޭއަށް ލަފާނުކުރެވޭކަމަށް ޒާހިރާ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި އެމްއެމްއޭ އިން ފާހަގަކުރި ގޮތުގައި ރާއްޖެއަށް ބޭނުންވާ ތަކެތީގެ 99 ޕަސަންޓް އިމްޕޯޓް ކުރާއިރު، އިންފްލޭޝަންގެ ކޮންޓްރޯލެއް ސަރުކާރަކަށް ނޯވެ އެވެ. ނަމަވެސް، ސަރުކާރުގެ ޓްރެޜަރީ ބިލުތަކާއި ބޮންޑު ވިއްކައިގެން ނިޒާމުގެ ތެރެއަށް އިތުރުވާ 900 އަށް ވުރެ ގިނަ މިލިއަން ރުފިޔާއާއެކު އެކްސްޗޭންޖަށް ކުރާ ޕްރެޝަރުތައް އެކަށީގެންވާ ފިވަޔަޅުތަކާއެކު ކުޑަކުރެވި، އިންފްލޭޝަން އިތުރުނުވެ ހިފެހެއްޓޭނެކަމަށް ޒާހިރާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް