ޖަލުތަކަށް ތާސްބައި ވެއްދުމުގެ ހުއްދަ ލިބޭނެ: ނަޝީދު
ޖަލުތަކަށް ހުއްދައިގެ ދަށުން ތާސްބައި ވެއްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވައިލައި މަޖިލީހުގައި ދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުންދާ މައްސަލައިގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ދެއްކެވި ވާހަކައާއި ގުޅިގެންނެވެ.
ރާއީ ވިދާޅުވީ، ޔާމީނަށް ހައްގު އަދަބު ލިބި، އެމަނިކުފާނަށް ތާސްބައި ފަދަ ތަކެތި ފަނޑުވުމެއް ނެތި ބަރާބަރަށް ކުޅުއްވޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށެވެ.
ރާއީގެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޖަލުތަކަށް ތާސްބައި ވެއްދޭނެ ކަމަށާއި ޖަލަށް ތާސްބައި ވެއްދުމުގެ އިންތިޒާމް ކަރެކްޝަނަލް ސާވިސް އާއި ގުޅިގެން ކުރެވޭނެ ކަމަށެވެ.
"ގެއިން، ގާތް ތިމާގެ މީހަކު ނުވަތަ އަނބިދަރިންނަށް ވިޔަސް، ކަރެކްޝަނަށް އެކަމާ ގުޅޭ ގޮތުން ލިޔާ ސިޓީއަކުން އެ ހުއްދަ ލިބޭނެ. އެކަން އެއީ ތަރުތީބުން އިންތިޒާމުވާ ކަމެއް. އަދި އަޅުގަނޑު އެންމެ ފުރިހަމަ އަށް ދަންނަ ކަމެއް." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވި އިރު، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ޖަލުގައި ދިހަ މަސްދުވަސް ހޭދަކުރެއްވި އިރު، އެމަނިކުފާނުގެ ގާނޫނީ ވަކީލުން އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް ކޮންމެ ދުވަހަކު ޖަލަށް ވަޑައިގެން ތާސްބައި ކުޅުއްވާ މައްސަލަ ބޮޑުވެ، އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވަކީލުންނަށް ޖަލަށް ދިއުމުގެ ހުއްދަ ވަކި އުސޫލެއްގެ ދަށުން ދޭ ގޮތަށް ހަމަޖައްސަވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް