އެމްޑީޕީގެ ކެނޑިޑޭޓުންގެ ކެމްޕެއިން މުދަލަށް ގެއްލުންދިން މައްސަލަ ފުލުހަށް ހުށައަޅައިފި
މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ބައެއް ކެނޑިޑޭޓުންގެ ކެމްޕެއިން މުދަލަށް ގެއްލުން ދިން މައްސަލަ ފުލުހަށް ހުށައަޅައިފިއެވެ.
އެގޮތުން ތިން ކެނޑިޑޭޓެއްގެ ކެމްޕެއިން މުދަލަށް ގެއްލުންދިން މައްސަަލަ ހުށައަޅާފައިވާނެކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކ އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންގެ ކެމްޕޭން މުދަލަށް ގެއްލުންދެމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އަފްޝަން ވަނީ ކެންޑިޑޭޓުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާއަށާއި އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.
އެކަމަނާ ވިދާޅުވީ އެފަދަ ކަންކަމަކީ ކެމްޕެއިންގެ ރޫހާ ޚިލާފް، އަދި އެމްޑީޕީން ކެމްޕެއިން ކުރުމަށް ގެންގުޅޭ އުސޫލުތަކާ، އެ ޕާޓީން ގަބޫލުކުރާ ހުރިހާ ކަމަކާ ޚިލާފް ކަންތައްތައް ކަމަށެވެ.
"އަދި އަޅުގަނޑުމެން ގޮވާލަނީ އިލެކްޝަންސް ކޮމިޝަނުންވެސް އަދި ރާއްޖޭގެ ޕޮލިސް ސާވިސް އިން ވެސް އިންތިހާބުުގެ ކެމްޕެއިންތައް ކުރިއަށް ގެންދިއުމުގައި ވީހާވެސް އަމާން، ހުރިހާ ކެންޑިޑޭޓުންނަކަށް ރައްކާތެރި، އިންސާފުވެރި މާހައުލެއް ގާއިމުކޮށްދެއްވުން،" އަފްޝަން ލަތީފް ވިދާޅުވި އެވެ.
މިގޮތުން މައްޗަންގޯޅި ދެކުނު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ހައިތަމްގެ ޖަގަހައަށް ގެއްލުންދީ ހައިތަމްގެ ޖަގަހައަކަށް މީހަކު ވަދެ މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މީކާއީލް އަހުމަދު ނަސީމްގެ ދެ ޖަގަހައަކަށް ގެއްލުން ދީފައިވާ މައްސަލަ ވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އަފްޝަންވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ރ. އުނގޫފާރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް މުހައްމަދު ވަހީދު (ވައްޑެ)ގެ ޖަގަހައެއް ރޯކޮށްލަން އުޅެނިކޮށް މީހަކު ހިފަހައްޓާފައިވާ ކަން އަފްޝަން ލަތީފް ފާހަގަ ކުރެއްވި އެވެ. އެ މައްސަލަ ވެސް ފުލުހަށް ހުށަހަޅާފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.
ޖަގަހައަށް ގެއްލުން ދޭން އުޅެނިކޮށް ހިފެހެއްޓި މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް