ފަނޑިޔާރު ދީދީ މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް!
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީއިން ނިންމައިފިއެވެ.
ޖޭއެސްސީން ދާދި ދެންމެ ބުނިގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ހުށަހަޅާފައިވާ ޝަކުވާގެ މައްސަލަ ތަހުގީގު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް ބަލައިގަތުމަށް މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާއިން ނިންމާފައިވާކަމަށެވެ.
އަދި މިއަދުގެ ޖަލްސާއަށް ތަހުގީގު ކޮމެޓީން ހުށަހަޅާފައިވާ ރިޕޯޓްގައި ފަނޑިޔާރު ކަމުގެ މަގާމުން އަބްދުﷲ ދީދީ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެދިފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.
އަދި އެނިންމުމާއި ގުޅިގެން ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ 30 ދުވަހުގެ މުހުލަތު ޖަވާބުދާރީވުމަށް އަބްދުﷲ ދީދީއަށް ދީފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައާއި އަބްދުﷲ ދީދީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއީޒު މަންފާތަކެއް ހާސިލުކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.
އެ މައްސަލަ ބަލައި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ހުސްނީ އާއި، ޖޭއެސްސީގެ މެންބަރުން ކަމުގައިވާ ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު އާއި ފަނޑިޔާރު އުސްތާޒު މުހައްމަދު އީސާފުޅުގެ އިތުރުން އަލްއުސްތާޒާ ހިސާން ހުސެއިން، އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް