ރައީސް އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަން ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ.ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް، އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރު ވެގެންދާނީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ މަސްރަޙްގައި ރާއްޖެއަށް ކުރިމަތިވި ހުރަސްތަކަށް ނިމުމެއް ގެނުވައި، ރާއްޖެއާއި އެހެން ޤައުމުތަކާއި، ބައިނަލްއަޤްވަމީ ޖަމުޢިއްޔާ އަދި ޖަމާޢަތްތަކާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު އާރޯކަމެއް ގެނެސްދޭނެ ތަޤުރީރަކަށްކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އ.ދ.ގެ ޢާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގަންނަވާ އެކި ޤައުމުތަކުގެ ވެރިންނާއި، އ.ދ.ގެ އެކި ޖަމާޢަތްތަކުގެ އިސް ބޭފުޅުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.
އ.ދ.ގެ 74 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2019 ގައެވެ.
މިއީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް