ހުޅުމާލެ ހޮސްޕިޓަލް ހިންގަނީ ހެލްތް ޕޯސްޓެެއްގެ ފެންވަރުގައި: ނިޔާޒް
ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން ގެންދަނީ ހެލްތް ޕޯސްޓެއްގެ ފެންވަރުގައިކަމަށް ހުޅުމާލެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ނިޔާޒް މިހެން ވިދާޅުވީ ވޮއިސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު ހުރީ ވަރަށް ދަށްކޮށް ކަމަށެވެ. އަދި އެގޮތުން ހޮސްޕިޓަލެއްގެ ނަމުގައި ހިންގިޔަސް އެތަން ހިންގަމުން ގެންދަނީ ހެލްތް ޕޯސްޓެއްގެ ފެންވަރުގައި ކަމަށެވެ.
އަދި އާދައިގެ ޓެސްޓްތައް ހަދަންވެސް އައިޖީއެމްއެޗްއަށް ދާންޖެހޭކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކީ އާސަންދަ ކުންފުނިން އެ ހޮސްޕިޓަލް ހިންގުން ނޫންކަމަށް ނިޔާޒް ވިދާޅުވިއެވެ.
"ވަކި މެނޭޖްމަންޓްއެއްގެ ދަށުން (ހެލްތް މިނިސްޓްރީގެ) ހުޅުމާލެ ހޮސްޕިޓަލް ހިންގަން ފެށީމަ ހުުޅުމާލެ ރައްޔިތުންނަށް ވަރަށް ރަނގަޅު ވާނެ"، ނިޔާޒު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން އައިޖީއެމްއެޗްއަށްވެސް ފަސޭހަވެގެން ދާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ ސަރުކާރުގެ ބައެއް އޮފީސްތައް ހުޅުމާލެއަށް ބަދަލުކުރުމުގެ ވިސްނުމެއް މިސަރުކާރުގެ އެބަހުރި ކަމަށާއި އޭގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް