ރައީސް ސޯލިހާއި މާރިޔާގެ މައްސަލަ މިދަނީ ބަލަމުން: އޭސީސީ
ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މައްސަލައިގެ ތަހުގީގު ކުރިޔަށްދާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ރައީސް ސޯލިހުގެ މައްޗަށް ހުށަހަޅައިފައިވަނީ، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިން ކުރުމާއި ދައުލަތުގެ ހަރަދުގައި ކުރެއްވި ދަތުރުތަކުގައި ކެމްޕެއިން ކުރެއްވި މައްސަލަ ކަމަށެވެ.
މިނިސްޓަރު މާރިޔާގެ މައްޗަށް ތުހުމަތުކޮށް ހުށަހަޅައިފައިވަނީ އެކަމަނާ ދައުލަތުގެ ހަރަދުގައި ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅެއްގައި ދަރިކަލުން ބައިވެރި ކުރެއްވި މައްސަލަ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
މިދެ މައްސަލަވެސް ތަހުގީގު ކުރިޔަށްދާކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ސަރުކާރުގެ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު މާރިޔާ، ޔޫއޭއީއަށް ވަޑައިގެންނެވީ، މިއަހަރުގެ އޮކްޓޯބަރު މަހުގެ ހަޔަކުން ދިހަޔަކަށް، ޔޫއޭއީގެ ދުބާއީގައި ބޭއްވި "ޖިޓެކްސް ޓެކްނޮލަޖީ ވީކް" އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިދަތުރުފުޅުގައި މިނިސްޓަރު މާރިޔާ ޔޫއޭއީގެ އިންޓީރިއާ މިނިސްޓަރު ސައިފް ބިން ޒައިދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ވީޑިއޯ އާއި ފޮޓޯ އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި އާންމުކުރި އިރު، ފޮޓޯއިން ފެންނަ ގޮތުގައި މާރިޔާގެ އަރިހުގައި ޖެހިގެން އިންނަވަނީ އެކަމަނާގެ އެންމެ ދޮށީ ދަރިކަލުންނެވެ.
މިނިސްޓަރުގެ ބައްދަލުވުމުގައި ދަރިކަލުން ބައިވެރިކުރުމުން އެކަމަނާއަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، މިނިސްޓަރު މާރިޔާ އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދުބާއީއަށް ވަޑައިގަތުމާއި އެ ދަތުރުގެ އެއްވެސް ކަމަކާ ގުޅޭ ހަރަދެއް ދިވެހި ސަރުކާރުން ކޮށްފައި ނުވާނެ ކަމަށެވެ. އަދި މިއީ ސަރުކާރާ ގުޅުން ހުރި ދަތުރެއް ނޫން ކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފަ އެ
ނަމަވެސް ދެ ގައުމުގެ ވަޒީރުންގެ ބައްދަލުވުމެއްގައި ދަރިކަލުން ބައިވެރި ކުރެއްވުމަކީ ރަގަޅުކަމެއް ނޫން ކަމަށް ފާޑުކިޔަމުންދިޔަ ފަރާތްތަކުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް