13އަހަރުގެ ކުއްޖާގެ ކައިވެންޏާއި ވިހެއުމާއި މެދު ބޮޑެތި ކަންބޮޑުވުންތަކެއް!
ބޮޑެތި ޒަޚަމްތަކަކާއި އެކު އއ.މާޅޮހަށް ފަތާފައި އެރި ރ.މަޑުއްވަރީއަށް ނިސްބަތްވާ އުމުރުން 26އަހަރުގެ މީހަކު، ޝަރުއީ ނިޒާމުން ބޭރުގައި "ކައިވެނިކުރި" 13 އަހަރުގެ އަންހެންކުއްޖާ ބަލިވެ އިނދެ ވިހެއި މައްސަލަ ހޫނުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ގާނޫނުތަކާާއި ޚިލާފަށް އުމުރުން 13އަހަރުގެ އަންހެންކުއްޖަކާއި ބޮޑު މީހަކު "ކައިވެނިކޮށްގެން" އުޅޭކަމަށާއި، އެ ކުއްޖާ ބަލިވެ އިން މައްސަލަ ބަލަމުންދާކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ވަގުތުން ފުރިހަމަކޮށް، ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަޙުޤީޤީ އިދާރާތަކުގެ ކިބައިން އެދިފައިވާ ކަމަށެވެ.
މި މައްސަލަ ބަލަމުންދާކަމަށް ފުލުހުންެވެސް ވަނީ ޔަގީންކޮށްދީފައެވެ.
ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "ސަން"އިން ބުނެފައިވާ ގޮތުގައި މި ކުއްޖާ މިދިޔަ ހަފްތާގެ ތެރޭގައި ވިހާފައިވާއިރު، އެ ކުއްޖާ މިވަގުތު ހުރީ މަންމަގެ ބެލުމުގެ ދަށުގައެވެ.
ފާާހަގަކޮށްލެވޭ ގޮތުގައި އެ ޒުވާނާއާއި 13އަހަރުގެ އަންހެން ކުއްޖާ ކުރި "ކައިވެނި" އަކީ ދިވެހިރާއްޖޭގެ ކޯޓެއްގައި ރަޖިސްޓަރކުރެވިފައިވާ ކައިވެންޏެއް ނޫނެވެ. ސަބަބަކީ ދާދި ފަހަކާއި ޖެހެންެދެން ޚާއްސަ ހުއްދައަކާއި އެކުވެސް ކައިވެނި ކުރެވޭނެ އުމުރަކީ 16އަހަރުކަމަށް ކަނޑައަޅާފައިވުމެވެ. ދާދިފަހުން ތަސްދީގުކުރެވުނު ބިލަކާއި އެކު އެ އުމުރު ވަނީ 18 އަހަރަށް ބަދަލުކުރެވިފައެވެ.
މި ޒުވާނާއަކީ ދީނީގޮތުން ހަރުކަށި ފިކުރުގެ ގްރޫޕަކަށް ނިސްބަތްވާ ފަރާތެއްކަމަށާއި، އެގްރޫޕްގައި ހިމެނޭ ފަރާތެއް ނުވަ އަހަރުގެ ކުއްޖަކާއިވެސް ކައިވެނިކޮށްފައިވާކަމަށް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ. އަދި މިއީ ކުޑަކުދިންނަށް ދެވޭ އަނިޔާކަމަށާއި މި މައްސަލައިގައި ހިމެނޭ ފަރާތްތަކާއި މެދު މިހާާތަނަށް ފިޔަވަޅު އަޅާފައިނުވާތީ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފްގެ އިސްތިއުފާއަށް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދަނީ މިއީ ފިޔަަަވަޅު އެޅޭނެފަަަދަ ކަމެއް ނޫންކަމަށްވެސް ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް