އައިޖީއެމްއެޗް ހިންގަނީ ހެލްތް މިނިސްޓްރީއަކުން ނޫން: މިނިސްޓަރ އަމީން
އިންދިރާ ގާންދީ މެމޯރިއަލް ހޮސޕިޓަލް ހިންގަނީ ހެލްތް މިނިސްޓްރީން ނޫންކަމަށް މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ސިއްހީ ދާއިރާއާއި ބެހޭގޮތުން ވާހަކަދައްކަމުން ވިދާޅުވީ އައިޖީއެމްއެޗްގެ ޑެއިލީ އޮޕަރޭސަން އާއި އައިޖީއެމްއެޗް ތަރައްގީ ކުރުމުގައި މިނިސްޓަރީގެ ސީދާ ބައިވެރިވުމެއް ނޯނާނެކަމަށެވެ.
އަމީން ވިދާޅުވީ އައިޖީއެމްއެޗް ހިންގުމުގެ މަސައްކަތް ހަވާލުވެފައި ވަނީ އައިޖީއެމްއެޗްގެ ބޯޑާ ކަމަށެވެ. އަދި އައިޖީއެމްއެޗްގެ މަސްއޫލިއްޔަތު ސަރުކާރުގެ ފަރާތުން ހަވާލުކޮށްފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރަކާ ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ އައިޖީއެމްއެޗް އާއި ބޭހޭގޮތުން ރައްޔިތުންގެ ސަކުވާ ވަރަށް ބޮޑުކަމަށާއި އެކަމަށް ހައްލު ހޯދުމަށް ދަނީ ކެނޑި ނޭޅި މައްސަކަތް ކުރަމުން ކަމަށެވެ.
''ހެލްތް މިނިސްޓްރީ އަކީ އައިޖީއެމްއެޗްގެ އޮޕަރޭޝަނަލް ލެވެލްގަ، އައިޖީއެމްއެޗް ހިންގުމުގަ އިދާރީ ގޮތުންނާއި އައިޖީއެމްއެޗްގެ ހިދުމަތްތައް ގާއިމް ކުރުމާއި އައިޖީއެމްއެޗްގެ ތަރައްގީއާ ގުޅޭ ކަންކަމުގަ ސީދާ ގޮތެއްގައި ބައިވެރިވުން އޮތް ތަނެއް ނޫން. އެހެންނަމަވެސް ހެލްތް މިނިސްޓްރީއަކީ ދައުލަތުގެ ސިއްހީ ކަންކަން ރެގިއުލޭޓް ކުރާ އޮތޯރިޓީ ކަމަށް ވާތީ އެގޮތުން ހެލްތް މިނިސްޓްރީގެ ހުރި މަސްއޫލިއްޔަތުތައް ހުންނާނެ.'' މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ފަހަކަށް އައިސް ރާއްޖޭގެ ސިއްހީ ނިޒާމަށް ރައްޔިތުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް