ޕްރިޒަން އޮފިސަރުންގެ ވަޒީފާ އަށް މީހުން ހޯދަނީ
ޕްރިޒަން އޮފިސަރުންގެ ވަޒީފާގެ ފުރުސަތަށް އެދޭ ފަރާތްތަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެފުރުސަތު ހުޅުވާލައިފިއެވެ.
ކަރެކްޝަނަލް ސާވިސް އިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ އަންހެނުންނާއި ފިރިހެނުންނަށް ވެސް މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު އޮންނާނެއެވެ.
ޕްރިޒަންސް އޮފިސަރުގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަކީ،ޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސްލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި އަދި 'އިސްލާމް' އިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން؛ ނުވަތަ، ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 2 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުމެވެ.
އަސާސީ މުސާރައިގެ ގޮތުގައި ޕްރިޒަންސް އޮފިސަރަކަށް ޕްރޮބޭޝަން މުއްދަތު ނިމުމުން މަހަކު ފަނަރަ ހާސް ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.
އޭގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރަ ކަމުގައިވާ 6050 ރުފިޔާ، ރވިސް އެލަވެންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ ނޮން ޕްރެކްޓިސް އެލަވެންސްގެ ގޮތުގައި މަހަކު 2722.50 ރުފިޔާ، ލިވިން އެލަވެންސްގެ ގޮތުގައި މަހަކު 2500ރުފިޔާ އަދި ޔުނިފޯމް އެލަވެންސްގެ ގޮތުގައި މަހަކު ލިބޭ 300 ރުފިޔާއެވެ.
ކަރެކްޝަންސް އިން ބުނެފައިވާ ގޮތުގައި ޕްރިޒަންސް އޮފިސަރުގެ ވަޒީފާއަށް ކުރިމަތިލާ މީހުންނަކީ މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30(ތިރީސް) އަހަރު ނުވާ މީހަކު ކަމުގައިވާން ޖެހޭނެއެވެ.
އަދި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި، އެއްވެސް އިރެއްގައި ކުށުގެ ރެކޯޑެއް އޮތް ފަރާތެއްކަމުގައި ވެސް ވެގެން ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް