ބޭރުފައިސާގެ މައްސަލާގައި އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް ޑރ.މުއިއްޒު
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރުފައިސާ ލިބުމުގެ މައްސަލާގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސާވިސް މީޑިއާއިން ގެނެސްދޭ ނެޝަން ޗެޓްގެ މިހަފްތާގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވަނީ މި މައްސަލާގައި ރަށުތެރޭގައި މިހާރު ދެކެވެމުންދާ ބައެއް ވާހަކަތަކަށް އަލިއަޅުއްވާލައްވައި ވާހަކަަދއްކަވާފައެވެ. ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ބޭރުފައިސާ ލިބުމުގައި އޮތް ދަތިކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނޭކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ މަސައްކަތްތަކާ ގުޅޭގޮތުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކަކީ ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ޢާންމު ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ. އެގޮތުން ބޭރުފައިސާގެ ކަންތަކުގައި ނިންމަމުންދާ ނިންމުންތަކަކީ ވަރަށް ގިނަ ފަރާތްތަކުގެ ބައިވެރިވުމާއި މަޝްވަރާއާއެކު ނިންމަމުންދާ ނިންމުންތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ކުއްލި ކުއްލިއަށް އަވަސް އަރުވާލައިގެން ނިންމުންތައް ނިންމަމުން ނުދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޤާނޫނަކަށް އިޞްލާޙެއް ގެނައި ކަމުގައިވިޔަސް އަދި އެހެން ފިޔަވަޅެއް އެޅި ކަމުގައިވިޔަސް، އެކަންކަން ކުރަނީ ހަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އަޅުގަނޑުމެން މީ ހަމަ ތިބެފަ ކުއްލިއަކަށް ކަމެއް ނުކުރަން އެތައް މަހެއް، އެތައް ދުވަހެއްގެ މަޝްވަރާއާ އަދި މީ ޓެކްނިކަލް އިވެލުއޭޝަން ތަކާ، ދިރާސާތަކާ، ބޭރު ޤައުމުތަކުގަ މިކަންކަން ކޮށްފަ ހުންނަ ގޮތާ. މި ހުރިހާ ކަމެއްވެސް އަޅުގަނޑުމެންގެ ޓީމުތަކުން ބަލަމުންދަން
ރައީސް ޑރ.މުހައްމަދު މުއިއްޒު
ސަރުކާރުގެ ޓީމުގައި މިފަދަ ފަންނީ މަސައްކަތްތައް ކުރެއްވުމަށް ތަޢުލީމީ، ފަންނީ އަދި ތަޖުރިބާކާރު ބޭފުޅުން ތިއްބެވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި ފުޅާކުރުމަށް މި ސަރުކާރުން އިސްނަގައިގެން ކުރަމުންދާ ވަރުގެ މަސައްކަތްތަކެއް މީގެ ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައިނުވާނެ ކަމަށެވެ.
މީގެއިތުރުން، މި ސަރުކާރަކީ އިޤްތިޞާދު ކުރިއެރުވުމަށް ވަރަށް ބޮޑަށް ބާރުއަޅާ ސަރުކާރެއްކަމުން، އިޤްތިޞާދީ ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ސިޔާސަތުތައް ތަންފީޒުކުރުމުގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އައިޓީ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާއިން ހުރިހާ ފަރާތްތަކާވެސް މަޝްވަރާކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޭރު ފައިސާގެ މައްސަލަތައް ޙައްލުކުރުމަށް މިހާރު އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދުރު މުސްތަޤުބަލުގައި އޭގެ ފައިދާއާއި ރަނގަޅު ނަތީޖާ ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް