ކުޑަކުދިންގެ އަތާއި، ފަޔާއި އަނގައިން ބިހި ނަގާ ބަލި ފެތުރެނީ، ސަމާލުވޭ!
ތުއްތު ކުދިންގެ އަނގަޔާއި، ފައިންނާއި އަތުން ކުދި ބިހިތަކެއް ނެގުމަށް މަގުފަހި ކުރުވާ، ހޭންޑް، ފުޓް އެންޑް މައުތު ޑިސީސް އަކީ ކުޑަކުދިންގެ އަތާއި، ފައި އަދި އަނގަޔަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން އަތާއި ފައި އަދި އަނގައިން ބިހިތަކެއް ނަގައި، ބިހި ނެގި ގުނަވަންތައް ވަރަށް ބޮޑަށް ހިރުވައެވެ. މިދުވަސްކޮޅު މި ބަލި ރާއްޖޭގައި ފެތުރެން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާއިރު، ޑޮކްޓަރުންވެސް އަންނަނީ ބައްޔާމެދު ސަމާލުވުމަށް އިލްތިމާސް ކުރަމުންނެވެ.
2018 ވަނަ އަަހަރުގެ ތެރޭގައިވެސް މި ބަލި ރާއްޖޭގައި ފެތުރިގެން ދިޔައެވެ. އެއީ މިދިޔަ އަހަރުގެ މިދުވަސްވަރުގައިކަންވެސް ފާހަގަކޮށްލެވެއެވެ.
މި ބައްޔަށް ހާއްސަ ފަރުވާއެއް ނެތް ނަަމަވެސް، ބަލި ޖެހުމުން، ޑޮކްޓަރުންގެ އިރުޝާދާއެކު ބަލީގެ އަލާމާތްތަކަށް ފަރުވާ ކުރުމުން އެބަލިން ރަނގަޅުވާ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. މި ބަލި އާންމުކޮށް ޖެހެނީ އުމުރުން 10 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.
މި ބަލި ޖެހޭ ގޮތަށް ބަލާއިރު، ބަލި ޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް، ބޮޑު ކަމުދާ ތަކެތި، އަދި ބަލި ހުންނަ ކުއްޖެއްގެ ގައިން ނަގާ ފޮޅުތަކުން ނުކުންނަ ދިޔައިގެ ސަބަބުން މި ބަލި އެހެން މީހަކަށް ވާސިލު ވެދާނެއެވެ.
އެޗްޕީއޭއިން ބުނީ، މި ބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ ތިނެއް ނުވަތަ ހަތް ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށާނެ ކަމަށެވެ. އަދި ވައިރަސް އަށަގަތުމަށްފަހު، އަލާމާތްތައް ނުފެންނަނީސް، އެހެން މީހަކަށް އެ ބަލި ކެހިދާނެ ކަމަށްވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެއެވެ.
އެބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައިސް ބޮލުގައި ރިއްސުމާއި، ކާހިތްނުވުމާއި، ކަރުތެރެ ފާރުވުމާއި، އަތާއި ފައިގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށްފަހު، ބިހިތައް ފޮޅުތަކަކަށް ބަދަލުވުމާއި، ވަރު ދެރަވުން ހިމެނެއެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި ގިނަ ގިނައިން އަތްދޮވުމަކީ އެދެވިގެންވާ ކަމެއް ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި ކުޑަކުދިން އަތްލާ ތަކެތި ސާފު ކުރުމާއި، މޭޒު، ދޮރުގެ ތަޅު އަދި ގޮނޑި ފަދަ ތަކެތި ސާފުތާހިރުކޮށް ބެހެއްޓުމަކީވެސް އެދެވިގެންވާ ކަމެކެވެެ.
މީގެ އިތުރުން ބޭނުންކޮށްފައި ހުންނަ ނެޕީއާއި ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމުގެ އިތުރުން، އެ ބަލި ޖެހިފައިވާ މީހުންނާއި ގާތްވެ ނޫޅުމަކީވެސް، ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅުތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް