ޔޫއޭއީ އެމްބަސީއާއި އެމްއެންޔޫ ގުޅިގެން އެމިރޭޓްސް އަންހެނުންގެ ދުވަސް ފާހަގަކޮށްފި
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބަސީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން 2026 ވަނަ އަހަރުގެ އެމިރޭޓްސް އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.
"ވީ އިމާޖް ސްޓްރޯންގާ އެންޑް ބެޓާ" ޝިޢާރުގެ ދަށުން ބޭއްވި މި ހަރަކާތުގައި ޔޫއޭއީ އެމްބަސީއާއި އެމްއެންޔޫގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަންދޫބުން ބައިވެރިވެފައިވެއެވެ. އެމިރޭޓްސް އަންހެނުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމުގައި އަންހެނުންގެ ލީޑާޝިޕާއި ތަޢުލީމާއި ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރުމަށް މި ހަރަކާތް ފަރުމާކޮށްފައިވެއެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް މި ހަރަކާތުގައި ބައިވެރިވެވަޑައިގެން 1978 ވަނަ އަހަރު ޤާއިމުކުރެވުނު ރާއްޖެއާއި ޔޫއޭއީގެ ޒަމާންވީ ގާތް ގުޅުމާއި ދެ ޤައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވައިފައިވެއެވެ. ދެ ޤައުމަށް ފައިދާ ހުރި ދާއިރާތަކުގައި އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
ޔޫއޭއީ އެމްބަސީގެ ޝާޒޭ ދައެފޭއާ ހެބާ އަލްޖުނައިބީ ކީނޯޓު ތަޤުރީރު ދެއްވަމުން ވިދާޅުވީ ޔޫއޭއީގެ ބާނީ ޝައިޚް ޒައިދު ބިން ސުލްޠާން އާލް ނަހްޔާންގެ ތަޞައްވުރާ އެއްގޮތަށް އަދި ޝައިޚް މުޙައްމަދު ބިން ޒައިދު އާލް ނަހްޔާނާއި ޝައިޚާ ފާޠިމާ ބިންތި މުބާރަކުގެ މަގުދެއްކެވުމާ އެކު އެމިރޭޓްސް އަންހެނުން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ.
ޔޫއޭއީގެ ސިޔާސީ އަދި ނިންމުންތައް ނިންމާ މުއައްސަސާތަކުގައި އަންހެނުންގެ ދައުރު ފާހަގަކޮށްލެވެއެވެ. ފެޑެރަލް ނެޝެނަލް ކައުންސިލްގެ 50 އިންސައްތަ ގޮނޑީގައި އަންހެނުން ތިބެއެވެ. އަދި ކެބިނެޓުގެ 37 ވަޒީރުންގެ ތެރެއިން ނުވަ ވަޒީރުންގެ މަޤާމު އަންހެނުން ފުރައެވެ. ދުނިޔޭގެ އެންމެ ޒުވާން އަންހެން ވަޒީރުގެ ގޮތުގައި ޔޫއޭއީ ވަޒީރަކު ޢައްޔަންކުރެވިފައިވެއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ފާހަގަކުރެއްވީ ޔޫއޭއީއާއި ރާއްޖޭގައި ވެސް ޔުނިވާސިޓީ ދަރިވަރުންގެ ދެބައިކުޅައެއްބައަށް ވުރެ ގިނައީ އަންހެނުން ކަމަށާއި ތަޢުލީމާއި ފަންނީ ކުރިއެރުމާއި މުޖުތަމަޢަށް އަންހެނުންގެ ހިއްސާ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމަށެވެ. އަންހެނުންގެ ކުރިއެރުމަކީ ހަމައެކަނި ވަކި ފަރުދެއްގެ ކާމިޔާބީ ނޫން ކަމަށާއި އެހެން އަންހެނުން ކުރިއެރުވުމާއި ފުރުޞަތު ހޯދައިދިނުމާއި ހިތްވަރު ދިނުމުގެ މުހިންމުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
ދެމެހެއްޓެނިވި ތަރައްޤީގެ ފަސް ވަނަ ލަނޑުދަނޑި ކަމުގައިވާ ޖެންޑާ ހަމަހަމަކަމާއި ހަތަރު ވަނަ ލަނޑުދަނޑި ކަމުގައިވާ ފެންވަރު ރަނގަޅު ތަޢުލީމާއި ދިހަ ވަނަ ލަނޑުދަނޑި ކަމުގައިވާ ތަފާތުކުރުން ކުޑަކުރުމާ ގުޅޭ ގޮތުން މި ހަރަކާތުން ބާރު ލިބިދެއެވެ. ޔޫއޭއީ އެމްބަސީން ވަނީ ރާއްޖޭގެ އަންހެނުންގެ ލީޑާޝިޕް ދައުރު ފުޅާވަމުންދާކަން ފާހަގަކޮށް ދެ ޤައުމު ގުޅިގެން އަންހެނުން ބާރުވެރިކުރުވުމާއި ތަޢުލީމާއި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް އޮތް ޢަޒުމް ތަކުރާރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް