ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗް އަނބުރާ ގެންނާނަން: ކާނަލް ނަޝީދު
މިހާރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންގެ ސަރުކާރެއްގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން އަނބުރާ ގެންނާނެ ކަމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު ނުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިނިވަން ކުރުމަށް ގޮވައިލައި އިދިކޮޅު ފަރާތްތަކުން"އަނިޔާވެރި ހުކުމާ ދެކޮޅަށް" މި ނަމުގައި އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކާނަލް ނަޝީދު ވިދާޅުވީ، އިދިކޮޅުން 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އެންމެ ފުރަތަމަ ކަމަކަށް ކުރާނެ ކަމަކީ އިސްލާމްދިނާއި ދެކޮޅަށް ރިޕޯޓު ނެރުނު އެމްޑީއެން އުވާލުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންގެ ބެންޗު ބޭރުކުރުމުން އެކަމަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ކާނަލް ނަޝީދު ވިދާޅުވީ، އިދިކޮޅުގެ ވެރިކަމެއްގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން އަނބުރާ ގެންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ހަމަޔާއި އިންސާފުން ބޭރުން ރައީސް ޔާމީންގެ މައްސަލަ ބަލައި ހުކުމްކުރި ހުރިހާ ފަނޑިޔާރުންގެ މައްސަލަ ބަލައި، އެންމެން ޖަލުގެ ކުޑަގޮޅިޔަށް ލާނެ ކަމަށެވެ.
''އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ކަމަކީ މި ލާދީނީ އެމްޑީއެން އުވާލުން. އޭގެ ފަހުގައި އިންސާފާއި ހަމައިން ބޭރުން ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރި އެންމެންގެ މައްސަލަ ބަލައި އެންމެން ޖަލުގެ ކުޑަގޮޅިޔަށް ލާނަން. މިއީ ނުބެލޭނެ މައްސަލަތަކެއް ކަމަށް ހީނުކުރައްވާތި. ޖުޑިޝަރީ އިސްލާހުކުރުމުގެ ނަމުގައި މުޅި ޖުޑިޝަރީވަނީ އެމީހުންގެ ބާރުގެ ދަށަށްގެނެސްފައި. އަޅުގަނޑުމެންގެ ވެރިކަމެއްގައި އަލުން އަނބުރާ ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗް އަނބުރާ އިއާދަކުރާނަން.'' ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ބަދަލު ދިނުމުގެ ނަމުގައި މިހާރު ހިންގާ ހުރިހާ ކަމެއް އަލުން އަނބުރާ އިއާދަކުރާނެ ކަމަށާއި އެމްޑީޕީއަށް ހިދުމަތްކުރަ މީހުންނަށް ބަދަލުގެ ގޮތުގައި ދައުލަތުން މިހާރު ދެމުންދާ ފައިސާ އަލުން އަނބުރާ ދައުލަތަށް އިއާދަކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށް އަނިޔާވެރިވަމުންދާތީ އެކަން އދ. ގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމުއިއްޔާއަށް އިދިކޮޅުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރަްވެސް ހުށަހަޅާފައިވާކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް