މަޖިލީހަށް ވަނުމާއި އެކީ ރައީސްގެ ވައުދުތައް ފުއްދާގޮތް ބަލާނަން: އަލްހާން
ރައްޔިތުންގެ މަޖިލީހަށް ވަދެވުމާއި އެކީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުުދުތައް ފުއްދެވުމަށް މަސައްކަތް ކުރައްވަމުންދާގޮތް ބައްލަވާނެކަމަށް ޖޭޕީގެ ޓިކެޓްގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ "6 އޭޕްރީލްގައި 6 ކަށްޖަހާ" ނަމުގައި ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވަނުމާއެކީ ރައީސްގެ ވައުދުތަކުގެ ލިސްޓު ނަގައިގެން ނުކުންނަވާނެކަމަށެވެ. އެގޮތުން އެ ވައުދުތައް ފުއްދަވައިދެއްވާތޯ އާއި އެ ވައުދުތައް ފުއްދަވައި ދެއްވުމުގައި ރައީސްއާއި ސަރުކާރުން އަމަލުކުރައްވަނީ ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް، ވަކި މީހަކަށް ނުބަލައި، ހަމަހަމަ އުސޫލުންތޯ ގާތުން ބަލައި ކަށަވަރު ކުރާނެކަމަށް އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ސިޔާސީ ލީޑަރުންތަކެއް ބޭނުންވާ ގޮތަށް "ތަޅާ ޕަޕެޓުތަކެއް" ރައްޔިތުންގެ މަޖިލީހަށް ހޮވުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ.
"އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ ރައްޔިތުންނޭ، ހޭލުންތެރިވެވަޑައިގަންނަވާށޭ، ރައްޔިތުންގެ މަޖިލީހަށް ވަކި ސިޔާސީ ލީޑަރުންތަކެއް ބޭނުންވާ ގޮތަށް ތަޅާ ޕަޕެޓުތަކެއް ގެންދިޔައީމަކާ ކަމަކު ނުދާނެ. އޭރުންނެއް ރަނގަޅެއް ވެސް ނުވާނެ،" އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް