ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މ.ރަންދޫވިލާ އަމްޖަދު މުޞްޠަފާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި އަމްޖަދު މުޞްޠަފާ ވަނީ އެ މަޤާމުގެ ހުވައިކުރައްވައިފައެވެ.
ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުالله ޙަމީދެވެ. ރަސްމިއްޔާތުގައި މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ޝަރީޢާއިން ލޯ އިން ބެޗްލަރސް ޑިގްރީއާއި މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވައިފައިވާ އަމްޖަދު މުޞްޠަފާއަކީ ޤާނޫނީ ދާއިރާއާއި ޢާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ މީގެ ކުރިން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމުގެ އިތުރުން 2020 ވަނަ އަހަރު ވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަން އަދާކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް