ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ތާއިދުކުރަން: ފޮރިން ސެކްރެޓަރީ
ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން ތާއިދުކުރާކަމަށް ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވިދާާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓްގެ ޕްރިޕަރޭޓަރީ މިނިސްޓީރިއަލް މީޓީންގައި ދިވެހިރާއްޖެ ތަމްސީލްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމަކީ ނަން-އެލަންޑް މޫވްމަންޓްގައި ހިމެނޭ ޤައުމުތަކުގެ ވެރިންގެ 18 ވަނަ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ. ބާކޫގައި އޮންނަ މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވުމަށް މިމަހުގެ 24 ވަނަ ދުވަހު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަޒަރްބައިޖާނަށް ވަޑައިގަންނަވާނެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން ސެކްރެޓަރީ ޣަފޫރު ވިދާޅުވީ ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މެމްބަރު ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުން މުހިއްމުކަމަށެވެ. އަދި ޤައުމުތަކާއި ގުޅިގެން މައްސަލަތަކަށް ހައްލު ހޯދުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށްވެސް ފޮރިން ސެކްރެޓަރީ ޣަފޫރު ވިދާޅުވިއެވެ.
މީގެ އިތުރުން، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކަކީ މުޅި ދުނިޔެއަށްވެސް އަދި ޚާއްސަކޮށް ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ޣަފޫރު ވިދާޅުވިއެވެ. އެހެންކަމުން ތިމާވެއްޓާއި ރައްޓެހި އިޤްތިޞާދަކަށް ބަދަލުވުމަށް ޤައުމުތަކުން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި ހަމައެއާއިއެކު، ޣަފޫރުގެ ވާހަކަފުޅުގައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން ތާޢީދުކުރާކަން މި ބައްދަލުވުމުގައިވެސް ހާމަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް