ކުޑަ ދެކުދިން
ކުޑަ ދެކުދިން
ލައިފްސްޓައިލް 10 Jul 2026 | 15:10

2025 އަހަރުގައި އިނގިރޭސިވިލާތުގެ އެންމެ މަޤުބޫލު ނަންތަކުގެ ލިސްޓުގެ އެއްވަނާގައި 'މުޙައްމަދު'

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އިނގިރޭސިވިލާތާއި ވޭލްސްގައި 2025 ވަނަ އަހަރު އުފަންވި ކުދިންނަށް އެންމެ ގިނައިން ކީ ނަންތައް ހާމަކޮށްފިއެވެ.

ފިރިހެން ކުދިންގެ ލިސްޓުގެ ކުރީގައި އޮތީ މުޙައްމަދެވެ. މުޙައްމަދު ލިސްޓުގެ ކުރީގައި އޮންނަތާ މިއީ ތިންވަނަ އަހަރެވެ.

އޮފީސް ފޮ ނެޝަނަލް ސްޓެޓިސްޓިކްސް (އޯއެންއެސް) އިން ނެރުނު މި ލިސްޓު ބިނާވެފައިވަނީ ފާއިތުވި  އަހަރުގެ އުފަން ރެޖިސްޓްރީ ޑޭޓާގެ މައްޗަށެވެ.

އަންހެން ކުދިންގެ ނަންތަކުން އެއްވަނަ އޮލީވިއާ ހޯދިއިރު ލިލީ ވަނީ ދެ ވަނައަށް ކުރިއަރައިފައެވެ. ކުރިން ދެ ވަނައިގައި އޮތް އެމީލިއާ ވަނީ ތިން ވަނައަށް ވެއްޓިފައެވެ. ފިރިހެން ކުދިންގެ ލިސްޓުގެ ދެ ވަނައިގައި ނޯއާ އޮތް އިރު ލީއޯ ވަނީ ތިން ވަނައަށް އަރައިފައެވެ.

ފިރިހެން ކުދިންނަށް މުޙައްމަދު(Muhammad)ކީ އަދަދު 5957 އަށް އަރައެވެ. އެ ނަމުގެ އެހެން ސްޕެލިންތައް ވެސް މަޤުބޫލުވެފައިވާ އިރު މޮހައްމެޑް (Mohammed) 20 ވަނައިގައި 1712 ނަމާ އެކު އަދި މޮހައްމަދް (Mohammad) 50 ވަނައިގައި 895 ނަމާ އެކު އޮތެވެ. މީގެ އިތުރުން ނޯއާ 4075 ފަހަރު އަދި ލީއޯ 3278 ފަހަރު ބޭނުންކޮށްފައިވެއެވެ. ފިރިހެން ކުދިންގެ ގަދަ 10 ގައި ދެން ހިމެނެނީ ލޫކާ އާތާ އޮލިވާ ޖޯޖް އޮސްކާ ތީއޮޑޯ އަދި ފްރެޑީއެވެ.

މީގެ އިތުރުން އެންމެ މަޤުބޫލު އަންހެން ނަމެއް ކަމަށްވާ އޮލީވިއާ 2025 ވަނަ އަހަރު 2386 އަންހެން ކުއްޖަކަށް ކިޔާފައިވެއެވެ. އަދި ލިލީ 2249 ފަހަރު އަދި އެމީލިއާ 2153 ފަހަރު ބޭނުންކޮށްފައިވެއެވެ.

މަސް މަހަށް ބެލި އިރު  މިދިޔަ އަހަރުގެ ކޮންމެ މަހަކު ވެސް ފިރިހެން ކުދިންގެ ލިސްޓުގެ ކުރީގައި އޮތީ މުޙައްމަދެވެ. ނަމަވެސް އަންހެން ކުދިންގެ ލިސްޓު މަސް މަހުން ތަފާތުވެއެވެ. ޖެނުއަރީ ފެބްރުއަރީ މާރިޗު އެޕްރީލް މެއި ޖޫން އޮކްޓޫބަރު އަދި ނޮވެމްބަރުގައި އޮލީވިއާ ކުރީގައި އޮތް އިރު ޖުލައިގައި އިސްލާ އޮގަސްޓްގައި ލިލީ ސެޕްޓެމްބަރުގައި އެމީލިއާ އަދި ޑިސެމްބަރުގައި ފްލޮރެންސް ކުރީގައި އޮތެވެ.

ނަން ކިޔުމާ ބެހޭ ވެބްސައިޓް ނެއިމްބެރީއަށް ލިޔުއްވާ ތަޖުރިބާކާރު ކްލެއާ ގްރީން ބީބީސީއަށް ވިދާޅުވީ އޮލީވިއާ އާއި މުޙައްމަދު އެއް ވަނައިގައި ދެމިއޮތުމަކީ ހައިރާންވާ ކަމެއް ނޫން ކަމަށެވެ.

"ކުރީގައި އޮންނަ ނަންތައް ބަދަލުވާން ވަރަށް ގިނަ ދުވަސް ނަގައެވެ. ނަމެއް މަޤުބޫލުވީމާ ވަރަށް ގިނަ ދުވަހު އެ ގޮތުގައި ހިފެހެއްޓެއެވެ. ގިނަ ބެލެނިވެރިން ދަރިފުޅަށް ނަމެއް ކީ ވަރަކަށް އެހެން ބެލެނިވެރިންނަށް އެ ނަން އިވި ކަމުގޮސް އެ މޮމެންޓަމް ބޮޑުވަމުން ދެއެވެ" ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް