ބިލެއްދޫ ވެވު ކޮނުނީ ގާނޫނާއި ޚިލާފަށް: ހެރިޓޭޖް
ފ.ބިލެއްދޫން އަލަށް ފެނުނު އާސާރި ވެވު ކޮނުނީ ތަރިކައިގެ ގާނޫނާއި ޚިލާާފަށްކަަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ވެވާއި ބެހޭ މައުލޫމާތު އެ މިނިސްޓްރީއަށް ލިބުނީ މީސް މީޑިޔާ މެދުވެރިކޮށް ކަމަށާއި އެކަން އެނގުމުން ފޯނާއި ލިޔުން މެދުވެރިކޮށް، އެތަން ކޮނުމުގެ މަސައްކަތް ހުއްޓާލުމަށް އެންގި ކަމަަށެވެ.
"ކޮންނަމުންދާ ސަރަޙައްދަކީ ގެޒެޓުކޮށްފައިވާ ދިވެހި ރާއްޖޭގެ އާސާރީ ތަންތަނުގެ ދަފްތަރުގައި ހިމެނޭ ސަރަޙައްދެއް ކަމަށް މައުލޫމާތު ލިބުމާ އެކު އެކަން މި މިނިސްޓްރީން ގެންދިޔައީ ކައިރިން ބަލަމުންނެވެ. އަދި މަސައްކަތް ހުއްޓާލުމަށް އެދި ކައުންސިލަށް ފޯނުންނާއި ލިޔުމުން ވާނީ އަންގައިފަ އެވެ. އެހެން ނަމަވެސް، މަސައްކަތް ވަނީ ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދަވައިފަ އެވެ،" ހެރިޓޭޖުގެ ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ އަމިއްލައަށް އެތަން އެގޮތަށް ކޮނުމަކީ ގާނޫނާއިވެސް ހިލާފުކަމެއް ކަމަށެވެ.
އެ ބަޔާން ނިންމާލަމުން މިނިސްޓްރީން ވަނީ ވަނީ އަލަށް ފެންނަ އާސާރީ ތަންތަނާ ބެހޭ މައުލޫމާތު އެ މިނިސްޓްރީއާއި ހިއްސާ ކުރުމަށް އެދިފައެވެ.
ބިލެއްދޫ ކައުންސިލުން އެންމެ ފުރަތަމަ އެ ވެވު ކޮނުމުގެ މަސައްކަތް ކުރަމުންދިޔައީ އެކްސްކަވޭޓަރެއް ބޭނުންކޮށްގެންނެވެ. މިގޮތަށް އަމަލުކޮށްފިނަމަ އެތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެ، ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް