އެސްއީޒެޑަށް މިހާތަނަށް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ކަށަވަރުވެއްޖެ: ސައީދު
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި މިހާތަނަށް 680 މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަން ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގައި ކުރިއަށް ގެންދާ މޯލްޑިވްސް-ސިންގަޕޯ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވަނީ، މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ކުރީ ސަރުކާރުން ވާރުތަވި ބޮޑު ދަރަންޏެއް އޮތް ކަމަށެވެ.
އޭގެ ސަބަބުން ރާއްޖޭގެ އިގްތިޞާދީ ހާލަތު އޮތީ ވަރަށް ނާޒުކުކޮށް ކަމަށާ، އެ ޙާލަތުން އަރައިގަތުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
އެގޮތުން، މި ފަސް އަހަރުގެ ތެރޭގައި، އެސްއީޒެޑް މަޝްރޫޢުގެ ދަށުން 1 ބިލިއަން ޑޮލަރުގެ އިންވެސްޓަމަންޓް ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، އެ މަޝްރޫޢުއަށް މިހާރުވެސް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ޔަގީންކަން ސަރުކާރަށް ލިބިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

"އެސްއީޒެޑްގެ ޕޯޓްފޯލިއޯ މިހާތަނަށްއައިއިރު 680 މިލިޔަން އެމެރިކާ ޑޮލަރާއި ހަމައަށް އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަންވަނީ ލިބިފައި. މިއީ ތާރީޚީ ކުރިއެރުންތަކެއް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު، މި ފޯރަމްގެ ތެރެއިން، މިއަދު ވަނީ ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އިންވެސްޓްމަންޓްގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.
އެސްއީޒެޑްގައި ހިންގާ އިގްތިސޯދީ އިންވެސްޓްމަންޓްތަކުގެ އެންމެ ދަށް އަދަދަކީ 100 މިލިއަން ޑޮލަރު ކަމުގައި ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް