މިސްކިތަށް ގެއްލުންދިނުން؛ ތުހުމަތުކުރެވޭ މީހާގެ 'ޙާލަތަށް ރިޢާޔަތްކޮށް' ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް ގެއްލުންދިން މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ 'ހާލަތަށް ރިއާޔަތްކޮށް'، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މިސްކިތަށް ގެއްލުން ދިން މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ބުނީ، އެ މައްސަލަ ހުށަހެޅުނީ ޖުލައި 20 ވަނަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރު ކަމަށާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަދި މިއަދު ބުނީ މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން ކަމަށެވެ.
”މިގޮތުން، ތުހުމަތުކުރެވޭ ފަރާތުގެ ހާލަތަށް ރިއާޔަތްކޮށް، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.“ ފުލުހުން ބުންޏެވެ.
މިސްކިތަށް ދިން ބޮޑެތި ގެއްލުންތަކުގެ ތެރޭގައި ބައެއް ދޮރުފަތްތަކުގެ ބިއްލޫރިތައް ތަޅާލުން ހިމެނެއެވެ.
މީގެ އިތުރުން މިސްކިތު އެތެރޭގައި ހުރި މުސްހަފްތައް އުކާލުމާއި އެތަކެއްޗަށް ގެއްލުންދިންކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިސްކިތްތަކަށް ދޭތެރެއަކުން ގެއްލުންދޭއިރު، މިސްކިތުގައި ހުންނަ ތަކެތި ވަގަށް ގެންދިއުމަކީވެސް ދޭތެރެއަކުން ހިނގަމުން އަންނަ ކަމެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް