މަޖިލީހުގެ މި ދައުރު ދަންމާލަން ރިޔާސަތުން ނިންމަވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، ހިނގަމުން މިދާ ފުރަތަމަ ދައުރު ދަންމާލަން ނިންމަވާފައިވާ ކަމަށް، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله އިޢުލާން ކުރައްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން، ރިޔާސަތުގައި އިންނަވައި އަބްދުއްރަޙީމް ވިދާޅުވީ، ހިނގަމުން މިދާ ދައުރު މި އޮގަސްޓް މަހުގެ 15 ވާ ބުރާސްފަތި ދުވަހު ނިމޭނެ ކަމަށެވެ.
އެހެން ނަމަވެސް، މަޖިލީހުގެ ނުނިމިހުރި ބައެއް މަސައްކަތްތައް ހުރުމުން، މި ދައުރު އޮގަސްޓް މަހުގެ 26 ވާ ހޯމަ ދުވަހަށް ދަންމާލަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވިހިވަނަ މަޖިލިސް އެކުލަވާލެވި، 93 މެންބަރުން ހުވާކުރައްވާފައިވަނީ މި އަހަރުގެ މެއި މަހުގެ 28 ގައެވެ.
މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފަރާތުން 21 ބިލު މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
އޭގެ ތެރެއިން 2 ބިލެއް މަޖިލީހުން ފާސްކޮށްފައިވާއިރު، 13 ބިލެއް އޮތީ ކޮމިޓީ މަރުހަލާގައެވެ. އަދި އެއް ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްދާއިރު، 5 ބިލެއްގެ ފުރަތަމަ ކިޔުން އިއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް