މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
މާލޭގައި ބަނގުރާ އުފައްދައި ވިޔަފާރިކުރަމުން ގެންދިޔަ އިންޑިއާގެ ދެ ރައްޔިތަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
މި ދެ މީހުން ހިފެހެއްޓީ މި އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލޭ މަގުމަތިން ހުއްޓުވައިގެންނެވެ.
އެ އޮޕަރޭޝަންގައި އެ ދެ މީހުން ދުއްވި ސައިކަލާއި މާލޭގެ ގެއެއް ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 906 ފުޅިއާއި 16 ޓައްޕު އަދި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ. އެގޮތުން، އެ ސައިކަލު ވެސް ވަނީ ޓޯކޮށްފައެވެ.
އިޖުރާއީ ކަންކަން ނިންމުމަށް ފަހު ދެ މީހުން މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް