ހައްޔަރީން ވަގުތުން ދޫކޮށްލުމަށް އިދިކޮޅުން ގޮވައިލައިފި
މަނީލޯންޑާގެ ކުށް ސާބިތުވެ ބޮޑު ޖޫރިމަނާ އަކާއެކު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވައިލައި، މިރޭ އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް އިދިކޮޅު ކޯލިޝަނުން ގޮވައިލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ، މިރޭ ބޭއްވި ސުލްހަވެރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ފައިސަލްއާއި ކައުންސިލު މެންބަރު މުހައްމަދު ލަތީފު ވަގުތުން ދޫކޮށްލުމަށް ގޮވައިލައިފައެވެ.
ފަސް މީހަކު ހައްޔަރުކުރި މައްސަލަ ކުށްވެރިކޮށް ނެރުނު އެބަޔާނުގައި ބުނެފައިވަނީ އިދިކޮޅު ޖޮއިންޓް ކައުންސިލުން ފާސްކުރި ގަރާރާއެއްގޮތަށް އިދިކޮޅުން އަމަލުކުރާނެ ކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި ކުރން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި އަދި އެކަމުގައި ކޯލިޝަނުގެ އެއްވެސް މެންބަރަކު ފަސް ނުޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން މެންބަރު އަހުމަދު ޝިޔާމު މިހާރުވަނީ ދޫކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް