ފަނޑިޔާރުންގެ މުސާރައާ މެދު ގޮތެއް ނިންމާނީ 19 ވަނަ މަޖިލީހުން
ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތަކާ މެދު ގޮތެއް ނިންމުމުގެ ބާރު މެއި މަހުގެ ތެރޭގައި ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ ފަނޑިޔާރުން މުސާރަ ބޮޑުކުރުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން މެންބަރުން ވިދާޅުވި ގޮތުގައި ފަނޑިޔާރުންނަކީ ރަނގަޅު މޫސަރައެއް ލިބޭ ބައެއް ކަމަށާއި އަދި 2019 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓެއް ފާސްކޮށްފައި އޮއްވައި މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެންނަން ނުޖެހޭނެ ކަމަށެވެ.
މެންބަރުން މިފަދަ ގޮތަކަށް ވާހަކަ ދެއްކެވައި ފަނޑިޔާރުންގެ މުސާރައިގެ މައްސަލަ 19 ވަނަ މަޖިލީހަށް ދޫކޮށްލުމަށް ކޮމިޓީއަށް ހުށަހެޅީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އެވެ. އިބްރާހިމްދީދީ ހުށަހެޅުއްވި އިސްލާހު ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމެވީ އެކަމާ މެދު އާ މަޖިލީހުން ގޮތެއް ނިންމުމަށް ދޫކޮށްލުމަށް ނިންމާފައެވެ.
ފަނޑިޔާރުންގެ މުސާރަ އާއި މެދު ގޮތެއް ކަނޑައަޅަން އޮނިގަނޑެއް ކަނޑައަޅައި އެކަމާއި މެދު ގޮތެއް ނިންމުމަށް މަޖިލީހަށް ހުށަހެޅީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ފަރާތުންނެވެ.
ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީއެއްގައި މީގެ ކުރިން ބުނެފައިވާ ގޮތުގައި ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތައް ރިވިއުނުކުރާތާ އެތައް އަހަރެއްވުމުގެ ސަބަބުން މިހާރު ފަނޑިޔާރުންނަށް ލިބޭ މުސަރާއަކީ ދިރިއުޅުމުގެ ހަރަދުތަކާއި ފަނޑިޔާރުންގެ މަސްއޫލިއްޔުތަކާ އަޅާ ބަލާއިރު އެކަށީގެންވާ ވަރަށްވުރެ ކުޑަ މުސާރައެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް