ކުޑަކުދިން ރޭޕްކުރާ މައްސަލަ ނުބަލާނަމަ މި ދައުލަތްވެސް ވާނީ އަނދިރި ދައުލަތަކަށް: ޒިޔާދު
ރާއްޖޭގައި ކުޑަކުދިން ރޭޕްކުރާ މައްސަލަތައް ނުބަލާނަމަ، މިދައުލަތްވެސް ވެގެންދާނީ އަނދިރި ދައުލަތަކަށް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
އުމުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލައާ ގުޅިގެން، އެފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާމެދު ވަގުތުން ވަގުތައް ފިޔަވަޅު އެޅުމަށް ގޮވާލައި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކާއި ރޭޕްގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
''މިއަދު މިދައްކަނީ އަޅުގަނޑުމެންގެ ގައުމުގައި ކުޑަ އަންހެންކުދިން ރޭޕްކުރާ ވާހަކަ. 9 އަހަރު 8 އަހަރުގެ ކުދިން ރޭޕްކުރާއިރު ރަށެއްގައި އެންމެން އެކަން ދަނެމެ، އެންމެންނަށް އެކަން އެނގޭމެ، އަޅާނުލައި މިއަދާހަމައަށް ތިބީމަ އޭގެ ނަތީޖާ މިދައްކަނީ. މިއީ އަޅުގަނޑުމެން މިކިޔާ އަނދިރި ދައުލަތަކީ، ކަމެއް ހިނގަން އޮންނަންވާ އުސޫލުން ހެދިފައިވާ ގާނޫނުތަކާއި ދީނުގެ ހަމަތަކާވެސް ހިލާފަށް އޮގަނައިޒްކޮށް މިކަން ކުރާތި މިކިޔަނީ އަނދިރި ދައުލަތޭ. މިކަންކަން ނުބަލައި މިއަދާ ހަމައަށް އޮވެއްޖެއްޔާ މިދައުލަތްވެސް ވާނީ އަނދިރި ދައުލަތަކަށް.'' ޒިޔާދު ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ އަންހެނުންނާ ކުޑަކުދިންނަކީ އިސްލާމް ދީނުގައި ހުރުމަތް ލިބިގެންވާ ބައެއް ކަމަށެވެ. ރަސޫލު ޒަމާނުގައި އަންހެންކުދިން ދިރިތިއްބައި ވަޅުލި ޒަމާން ހިނގައްޖެ ކަމަށާއި އިސްލާމް ދީނުގައި އަންހެނުންނަށް ހާއްސަ އިހުތިރާމަކާއި ގަދަރެއް ލިބިގެންވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ރ. މަޑުއްވަރީގައި 13 އަހަރުގެ ކުއްޖަކާއި 26 އަހަރުގެ ފިރިހެނަކު ކޯޓުން ބޭރުން ކައިވެނިކޮށް ބަލިވެއިން ކަމަށް ބުނާ މައްސަލައިގައެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އެފަދަ ކަމެއް ހިނގިކަން ނޭނގޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް