މަރުކޮމިޝަނުގެ ރިޕޯޓު ދިރާސާކޮށް، މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި
މަރުކޮމިޝަނުން އަލުން ތަހުގީގުކޮށްފައިވ ޑރ. އަފްރާޝީމު އަލީގެ މަރު ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް، މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މާދަމާ އޮންނަ ޖަލްސާއަށް ރިޕޯޓު އެޖެންޑާކުރިއިރު، އެރިޕޯޓު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ދިރާސާކުރުމަށްފަހު ހަތް ކަމެއް ފާހަގަކޮށްފައިވެއެވެ.
އެގޮތުން އަފްރާޝީމުގެ މަރުގެ މައްސަލައިގައި ފައިސާ ބަދަލުވެފައިވާ ގޮތް ބެލުމާއި ޖިހާދީ ފިކުރުގެ ޖަމާއަތްތަކުގެ އަދަދާއި ސެލްތަކާއި މެމްބަރުންގެ އަދަދު ދެނެގަތުމާއި އެ މަރު ހިނގާކަން އެނގިތިބެ ސިއްރުކުރި ފަރާތްތައް ދެނެގަތުމާއި ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖިހާދީ ފިކުރުގެ ޖަމާއަތްތައް ދެނެގަތުމާއި ރިޕޯޓުގައި ތުހުމަތުކޮށްފައިވާ މީހުން މިހާރު ތިބި ތަންތަން ދެނެގަތުމުގެ އިތުރުން އެ މަރުގައި ފުލުހުންނާއި އިމިގްރޭޝަންގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ބެލުމާއި ރިޕޯޓާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އެންގުން ހިމެނެއެވެ.
މި ރިޕޯޓްގައި ވަނީ 2012ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާއި ހަމައަށް ސަލަފް ޖަމްއިއްޔާގެ ޚަރަދު ހިނގާފައިވާ ގޮތުގައި އަހަރީ ހިސާބުތައް އެނގޭނެ ރިޕޯޓެއް ސަރުކާާރުގެ ކަމާއިބެހޭ އިދާާރާއިން އެ ކޮމެޓީއަށް ހުށައެޅުމަށް އެދިފައެވެ. އަދި އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހަރުކަށި ފިކުރުގެ ޖަމްއިއްޔާތަކާއި ޖަމާއަތްތަކަށް ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފެންނަކަމަށް ވަނީ ބުނެފައެވެ.
ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ހިމަނާފައިވާ ހައްދު ފަހަނައަޅާފައިވާ ފިކުރުގެ ޖަމާއަތްތަކާއި ޖަމްއިއްޔާތަކަކީ ޖަމްއިއްޔަތުލް ސަލަފް، މިހާރު އެކި ބައިތަކަށް ބެހިފައިވާ ރާއްޖޭގައި ހިންގާ އަލްގައިދާގެ ޖަމާއަތް، އިސްލާމިކް ސްޓޭޓަށް ބައިއަތު ހިފާފައިވާ ޖަމާއަތް އަދި ޖަބްހަތުއްނުސްރާއަށް ވާގިވެރިވާ އަލްގައިދާގެ ޖަމާއަތެވެ.
ސަލަފު ޖަމުއިއްޔާއަށް ފިޔަވަޅު އަޅަން ނިންމީ، ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަލަ، މަރުކޮމިޝަނުން އަލުން ތަހުގީގު ކުރުމަށްފަހު ނެރުނު ރިޕޯޓުގައި ސަލަފުގެ މައްޗަށް ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ ޖަމުއިއްޔާއެއް ކަމަށްބުނެފައިވާތީއެވެ. ނަމަވެސް ސަލަފުން އެކަން ދޮގުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް