ލަންކާގެ ބޮޑުވަޒީރު ރަނިލް ރާއްޖެއަށް ވަޑައިގަންނަވަނީ
ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރަނިލްއާއި އެބޭފުޅާގެ އަނބިކަނބަލުން ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. މި ދެބޭފުޅުންގެ އަރިހުގައި ސްރީލަންކާގެ ކެބިނެޓްގެ ބައެއް ވަޒީރުން ވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވައެވެ.
މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދައުވަތަކަށް ބޮޑުވަޒީރު ރަނިލް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި އެކު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އަންނަ މަހުގެ 3 އިން 4 އަށް ޕެރެޑައިސް އައިލޭންޑް ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ކޮންފަރެންސްގައި ވެސް ބޮޑުވަޒީރު ރަނިލް ބައިވެރިވެ ވަޑައިގަންނަވާނެެއެވެ. ބޮޑުވަޒީރު ރަނިލްއަކީ އެ ކޮންފަރެންސްގެ ޗެއާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް