ތައިލެންޑުގައި ފެންބޮޑުވުމާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ތައިލެންޑަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި ގިނަ ބަޔަކު މަރުވުމާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލްއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައިލެންޑުގެ ބޮޑުވަޒީރަށާއި ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ އަރިސްކުރައްވައިފައެވެ.
ކަރަންޓުގައި ޖެހުމާއި ގެނބުމުގެ ހާދިސާތަކުގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް ޚާއްޞަ ހަމްދަރުދީ ފޮނުއްވައި އެތައް ބައެއްގެ ގެދޮރު ގެއްލި ލިބިފައިވާ ގެއްލުންތަކާ މެދު ހިތާމަފާޅުކުރައްވައިފައިވެއެވެ.
މީގެ އިތުރުން ފެންބޮޑުވުމުގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކާރިސާއިން އަރައިގަތުމަށް މިހާރު ކުރިއަށްދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގޮސް އެހީ ބޭނުންވާ ފަރާތްތަކަށް އަވަހަށް ތަސައްލީ ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް