އަންނަން އޮތް ޖީލަށް ގައުމު ގެންގޮސްދޭނީ ކިޔަވާކުދިން: ރައީސުލްޖުމްހޫރިއްޔާ
އަންނަން އޮތް ޖީލަށް ދިވެހި ގައުމު ގެންގޮސްދޭނީ ކިޔަވާކުދިންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 2018ވަނަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސޮކްލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްދެއްވުމަށް ސްޓެލްކޯ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވެވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ދަރިވަރުންގެ ކިބައިން އެދެނީ، ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމް ޙާޞިލްކުރި ކަމުގައި ވިޔަސް، ދިވެހި ޤައުމަށް ޚިދުމަތް ކުރުމަކީ، ކޮންމެ ކުއްޖެއްގެ އެންމެ އިސް ވާޖިބުކަމުގައި ހެދުމަށްކަމަށެވެ. އަދި ހަމަ ކޮންމެ ދަރިއަކީ، މި ޤައުމަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ކުއްޖެއްކަން ރައީސް ފާހަަގަކުރެއްވިއެވެ.
"އަންނާން އޮތް ޖީލަށް މި ޤައުމު ގެންގޮސްދޭނެ ބަޔަކީ ހަމަ ތިޔަ ދަރިވަރުން" ރައީސް ސޯލިހު ވިދާޅުވިއެވެ.
މި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ކުރިން ރައީސްގެ އެވޯރޑް ލިބޭ ދަރިވަރުން ކިޔަވަން ޖެހެނީ، ސަރުކާރުން ކަނޑައަޅާފައި ހުންނަ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް ދާއިރާއަކުންކަމަށާއި، ނަމަވެސް މިހާރުވާނީ އެ އުޞޫލު ބަދަލުކުރައްވާފައި ކަމުގައެވެ. އެގޮތުން މިއަހަރުން ފެށިގެން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، އެކުދިން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާގޮތަށް އުސޫލު ބަދަލު ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދެން ސަރުކާރުން ބަދަލު ގެނައީ ހައި އެޗީވަރސް ސްކޮލަޝިޕްގެ އުޞޫލުތަކަށް. މީގެ ކުރިން ހައި އެޗީވަރސް ސްކޮލަޝިޕް ދެމުން އައީ ވަކި ދާއިރާތަކަކުން އަދި ވަރަށް މަދު ޤައުމުތަކަކުން. ނަމަވެސް ސަރުކާރުން މިހާރު ހަމަޖައްސާފައި ވާނީ އޯ.އީ.ސީ.ޑީ ޤައުމުތަކުން ވެސް އެ ދަރިވަރުންނަށް ކިޔެވޭ ގޮތަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް