މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަންފާއެއް ހޯދުމަށް މަސައްކަތް ނުކުރަން: އަބްދުﷲ ދީދީ
އެއްވެސް އިރެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަންފާއެއް ހޯދުމަށް މަސައްކަތް ކުރައްވާފައިނުވާނެކަމަށް ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލިީހުގެ ވޯޓުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެވުނު ދީދީ މިހެން ވިދާޅުވީ، މިރޭ ނެރުއްވި ނޫސް ބަޔާނެއްގައެވެ.
އެބޭފުޅާ ވިދާޅުވީ މިއަދަކީ ކަޅު ދުވަހެއްކަމަށާއި ނަމަވެސް ދިވެހިރާއްޖޭގެ މަސްރަހު އޮތްގޮތުން މިފަދަ ދުވަހެއް އަތުވެދާނެކަމުގެ އިހްތިމާލެއް ނެތްކަމަށްވެސް ބުނެވެން ނެތްކަމަށެވެ. އެގޮތުން މިއަދު ޔަގީންވެގެންދިޔަކަމަކީ ފަނޑިޔާރެއްގެ މައްޗަށް ހުށައެޅޭ މައްސަލައެއްގައި މީހެއްގެ ސިފަތަކަށް ބެލުމެއް ނެތި ގޮތެއް ނިންމުމަކީ އެ ފަނޑިޔާރަކު ބޭނުން ނުވާ އެތަކެއް ކަމަކާއި ކުރިމަތިލާން ޖެހޭފަދަ ކަމެއްގެ ގޮތުގައިކަމަށް ދީދީ ވިދާޅުވިއެވެ.
ކުރީގެ ފަނޑިޔާރު އިތުރަށް ވިދާޅުވީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެގެން އުޅެވޭފަދަ ފަނޑިޔާރުގެއެއް ގާއިމްވެފައި އޮތުން މުހިންމުވަނީ މިފަދަ ނޭދެވޭ އަސަރުތަކުން ފަނޑިޔާރުން ސަލާމަތްކޮށް، ރައްޔިތުންނަށް އަދުލު އިންސާފު އޭގެ ޒާތުގައި ލިބިދިނުމަށް ކަމަށެވެ.
މި ބަޔާން ނިންމަވާލައްވަމުން ދީދީ އިތުރަށް ވިދާޅުވީ އެބޭފުޅާ އަކީ އެއްވެސް އިރެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނުހައްގު މަންފާއެއް ހޯދުމަށް މަސައްކަތް ކުރެއްވި ފަރާތެއް ނޫންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް