އަޅުގަނޑުމެންގެ ގައުމު މިގެންދަނީ ކޮންދިމާއަކަށްބާއެވެ؟
ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ރަސްމީ ދަތުރުފުޅެއްގައި އެތިއްބެވީ ނިއުދިއްލީގައެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އެހުންނެވީ ވޮޝިންޓަންގައެވެ. ކުރައްވަނީ ގާތްގަނޑަކަށް އެއް މަސައްކަތްޕުޅެކެވެ.
މާރިޔާ އުޅުއްވަނީ އިންޑިޔާއާއެކު ދިފާއީ ގުޅުން ވަރުގަދަކުރައްވައި ދިވެހިރާއްޖޭގައި އިންޑިޔާގެ އަސްކަރީ ރާޑަރ ސިސްޓަމެއްކަމަށްވާ އިންޓަ ކޯސްޓަލް ސާވައިލެންސް ރާޑަ ސިސްޓަމް (ސީއެސްއާރް) ބެހެއްޓުމާބެހޭ މަޝްވަރާ ކުރެއްވުމުގައެވެ. ލަފާކުރެވޭގޮތުން އަސްކަރިއްޔާގެ އެންމެ އިސްވެރިން ވަޑައިގަތުމުން މުހިއްމު ނިންމުންތަކެއް ނިންމާނެއެވެ.
ދިވެހި ރާއްޖެ އެމެރިކާގެ އަމާޒަކަށްވުން
ޚާރިޖީ ވަޒީރު ސްޓޭޓް ޑިޕާޓްމަންޓްގެ އަންޑަރ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ޕޮލިޓިކަލް އެފެއަރޒް ޑޭވިޑް ހޭލް އާއި ކުރެއްވި މަޝްވަރާތަކުގައި ޚާރިޖީވަޒީރު ޝާހިދު ވިދާޅުވިކަމަށް އެމަނިކުފާނުގެ ޓްވީޓާގައި ވިދާޅުވެފައިވަނީ ޔޫއެސް.އިންޑޯ ޕެސެފިކް ސްޓްރެޓަޖީއަކީ ދިވެހިރާއްޖެއާއި އިންޑިޔާކަނޑުގެ ހަމަޖެހުންގެނައުމުގެ ބިންގާކަމަށް ދިވެހިރާއްޖެއިން ދެކޭކަމުގައެވެ.
މިއިން ވަރަށް ސާފު އިބާރާތުން މި އަންގައިދެނީ ދިވެހިރާއްޖެއިން އެމެރިކާއާއި އިންޑިޔާގެ އަސްކަރީ ކުޑައިގެ ދަށަށް ވަދެއްޖެކަމެވެ. މެދުއިރުމަތި ތަޅައި ސުންނާފަތި ކުރުމަށްފަހު އެމެރިކާގެ އަސްކަރީ ސްޓްރެޓަޖީގެ އެންމެ އިސް އަމާޒަކީ އޭޝިޔާ ޕެސިފިކެވެ. އެއީ އޭޝިޔާގެ އަސްކަރީ ގޮތުންނާ އިގްތިސާދީ ގޮތުން ސުޕަރޕވަރއަކަށް ޗައިނާވެ ދުނިޔޭގެ ހަމައެކަނި ސުޕަޕަވަރއަކަށް މިއަދު އޮތްކަމަށް އެމެރިކާދެކޭ އެގައުމުގެ ޑޮމިނަންސް ދާދި މަދު އަހަރުތަކެއްގެތެރޭގައި ނިމުމަކަށް ހިގައިދާނެކަމަށް އެމެރިކާގެ އަސްކަރީ އަދި އިގްތިސާދީ ބާރު ދިރާސާކޮށް ވަޒަންކުރާ ފަރާތްތަކުން ލަފާކުރަމުންދާތީ ސޮވިއެޓް ޔުނިއަން ރޫޅާލިފަދައިން ޗައިނާގެ މައްޗަށް ގަދަވެގަތުމަށް ކުރަމުންދާ އުއްމީދުތައް ހާސިލުކުރެވެން އޮތް ގޮތަކީ އެއީކަމަށްވާތީއެވެ.

އިންޑިޔާކަނޑަކީވެސް އެމެރިކާގެ އަމާޒެކެވެ. އެކަމަކު ބޮޑަށް އެމެރިކާގެ މަސްލަހަތު ހިފަހައްޓަނީ އިންޑިޔާމެދުވެރިކޮށެވެ.
ދިވެހި ރާއްޖޭގެ އެންމެ ބާރުގަދަ ދެ މިނިސްޓަރުން އިންޑިޔާއާއި އެމެރިކާއަށް ދާދި އެއްވަގުތެއްގައި މިކުރައްވާ ދަތުރުފުޅުގެ ކުރިން ފާހަގަކުރެވޭފަދަ ކަންކަންތައް ރާއްޖޭގައި ހިނގާފައިވެއެވެ. އެއީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ވަފްދެއް ރާއްޖެއަށް ޒިޔާރަތްކޮށް މިކުޑަކުޑަ ދިވެހި ރާއްޖެއާއެކު އެމެރިކާއިން ރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް އަސްކަރީ އެއްބާރުލުމެއް އުފެއްދުމަށް ހިގައިދިޔަ މަޝްވަރާތަކާއި ޒަމާނުއްސުރެ ދިވެހި ރާއްޖެއާ ގާތްގުޅުމެއް ބާއްވާ ޕާކިސްތާނުން ހަދިޔާއަކަށް ދޭން އުޅުނު އެއަރއެމްބިއުލަންސް ބޮލާލައި ޖަހައި، އިންޑިޔާގެ އަސްކަރީ ހެލިކޮޕްޓަރުތައް ރާއްޖޭގައި ގެންގުޅުމުގެ އެއްބަސްވުން އާކޮށް، ދެފަހަރެއްގެ މަތިން އިންޑިޔާ ސިފައިންނާއެކު އަސްކަރީ ތަމްރީނުތަކެއް ބާއްވައި، ސާވެއިލެންސް އެއަރކްރާފްޓް ބޭނުންކޮށްގެން ރާއްޖޭގެ ސަރަހައްދު ބެލުމުގެ ޚާއްސަ އޮޕަރޭޝަނެއް ހިންގައި، އިންޑިޔާގެ އަސްކަރީ ބާރު ރަމްޒުކޮށްދޭ އަސްކަރީ މަނަވަރެއް ރާއްޖެއަށް ޒިޔާރަތްކޮށް ދެފަހަރު ރާއްޖޭގެ ޗީފް އޮފް ޑިފެންސްފޯސް އިންޑިޔާއަށް ދަތުރުފުޅު ކުރެއްވުމެވެ. މިއީ ގާތްގަނޑަކަށް ދޮޅުމަހެއްހާ ދުވަހުގެތެރޭގައި ހިންގާފައިވާ ހަރަކާތްތަކެވެ.
އެމެރިކާއާއެކު އުފައްދާ އަސްކަރީ ގުޅުމުގެ ބަދަލެއްގެ ގޮތުން ވޯލްޑް ބޭންކާއި އައިއެމްއެފްގެ ފައިނޭންޝަލް ޕެކޭޖެއް ދިވެހިރާއްޖެއަށް ވަނީ ހުށަހަޅާފައެވެ.
އެމެރިކާގެ އެދުން އެއީ މިއަދު ސިއްރަކަށްނުވެއެވެ. ރައީސް ޑޮކްޓަރ މުހައްމަދު ވަހީދުގެ ސަރުކާރުގެ ދުވަސްވަރު ޑިފެންސް މިނިސްޓަރ ރިޓިޔާޑް ކާނަލް ނާޒިމްއާކު މަޝްވަރާކުރި ސޯފާ އެއްބަސްވުމަކީ އެމެރިކާގެ ފޮރުވިފައިވާ އެޖެންޑާއެވެ.
އެއެއްބަސްވުމުގައި ސޮއިކުރަން އެމެރިކާ ސަރުކާރުން ވަރަށް ބޮޑަށް ބާރުއެޅުމާއެކުވެސް ރައީސް ވަހީދު އެއެއްބަސްވުމުގައި ސޮއިކުރައްވަން ދެކޮޅު ހެއްދެވީއެވެ. އެކަމުގެ ރުޅީގައި ރައީސްވަހީދުގެ ސަރުކާރު ނިމުމަކަށް ގެނައުމަށާއި އޭގެފަހުން އުފެދުނު ސަރުކާރާ ދެކޮޅަށް އެމެރިކާ ސަރުކާރުން އަމަލުކުރި ގޮތް އަޅުގަނޑުމެންނަށް އޮތީ ފެނިފައެވެ. އަޅުގަނޑުމެންނަށް އެނގެއެވެ.
އެމެރިކާއިން ވައުދުވާ ފައިސާގެ އެހީތަކާ އެމެރިކާ މެދުވެރިވެ ވޯލްޑް ބޭންކާއި އައިއެމްއެފުން ފޯރުކޮށްދޭންބުނާ އެހީތަކުގެ ވާހަކަވެސް އަޑުއިވެއެވެ. ޔޫއެސްއެއިޑްއާއި ޓްރެޝަރީ ޑިޕާޓްމަންޓްގެ އޮފިޝަލުންނާ ބައްދަލުކޮށް ރާއްޖެއަށް ދެވިދާނެ އެހީތަކުގެ ވާހަކަ ދެކެވިއްޖެއެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ބޭފުޅުންނާ ބައްދަލުކުރައްވައި، އަދި އެމީހުން މެދުވެރިވެ އދގެ ސެކިއުރިޓީ ކައުންސިލްގައި ވާހަކަފުޅު ދައްކަވަން ޚާރިޖީވަޒީރަށް ފުރުސަތު ލިބިވަޑައިގަތްކަންވެސްއެގެއެވެ.
މިއީ ދުވަހަކުވެސް އެމެރިކާއިން ދިވެހި ރާއްޖެއާމެދު އަމަލުކުރިގޮތެއް ނޫނެވެ. މިއީއަކީ ޑިޕްލޮމަސީގެ މޮޅުކަމެއްނޫނެވެ. އެމެރިކާއަކީ އެދުމެއްނެތި ވެދުންކުރާބައެއްނޫންކަން މީހުން ދަނެއެވެ.
އިންޑިޔާގެ ހިމާޔަތުގެ ދަށަށް ރާއްޖެ ގެންދިއުން!
މީގެ ކުރިން އިގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހި ރާއްޖެ ގެންދިޔަގޮތަށް އިންޑިޔާގެ ހިމާޔަތުގެ ދަށަށް ދިވެހި ރާއްޖެ ގެންދިއުމަކީ ރައީސް މުހައްމަދު ނަޝީދުގެ ހުވަފެންފުޅެކެވެ.
އެކަންކުރާ ސަބަބު އެމަނިކުފާނު ކިޔުއްވައިދެއްވާފައިވެއެވެ. އެއީ ޗައިނާ ބާރުގަދަވެ މުސްތަގުބަލްގައި އިންޑިޔާ ކަނޑުގައި އުފެދޭ ވާދަވެރިކަމުގައި ދިވެހި ރާއްޖެ އިންޑިޔާގެ މަސްލަހަތު ހިމާޔަތްކޮށްދޭ ގައުމެއްގެ ގޮތުގައި ބޭއްވުމަށެވެ. އެމަސައްކަތް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެމަނިކުފާނު ވަނީ ފަށްޓަވާފައެވެ. ރާޑަރުތަކަކީވެސް އެމަނިކުފާނުގެ އިސްނެންގެވުމެކެވެ.

ތެދުފުޅެކެވެ. ރާއްޖޭގައި އިންޑިޔާގެ އަސްކަރީބޭހެކޭ ކިޔާފައި ތަނެއް ނުބަހައްޓަފާނެއެވެ. އެކަމަކު އިންޑިޔާގެ މަނަވަރުތަކާއި ސާވައިލަންސް ޖެޓްތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދާއި އަދި އިންޑިޔާގެ ރާޑަރުތަކުން ރާއްޖޭގެ ސރަހައްދުގެ ހަރަކާތްތައް މޮނިޓަރކުރަމުންދެވޭނަމަ އަދި ރީތި ނަމެއްގައި އިންޑިޔާގެ އަސްކަރީ ހެލިކޮޕްޓަރާއި އެހެލިކޮޕްޓަރު ދުއްވާނެ އަސްކަރީ ފައުޖެއް އޮންނައިރު ދެން އިތުރު ކޮން އަސްކަރީ ބޭހެއްތޯއެވެ.
އެކަންކުރަނީ ދިވެހި ސިފައިންނަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ނުބެލެހެއްޓޭތީކަމަށްވާނަމަ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ދިވެހި ސިފައިންކުރާ ހުވަޔަކީ އެއްވެސް މާނައެއް ހުރި އެއްޗަކަށް ނުވެއެވެ.
އިންޑިޔާގެ މިރާޑަތުތަކާއި ހެލިކޮޕްޓަރުތަކާއި ސާވައިލެންސް އެއަރކްރާފްޓާއި މަނަވަރުތަކުގެ މަސައްކަތަކީ ކަނޑުފޭރޭ މީހުންނާ ޓެރަރިސްޓުންގެ ކިބައިން ރައްކާތެރިކަން ހޯދައިދިނުމޭ ބުނަނީ ކަނޑައެޅިގެން އޮޅުވާލުމަށެވެ.
ނޭގޭބަޔަކަށް ނޭގިދާނެއެވެ. އެކަމަކު ސިކުނޑީގެ ތެތްކަމެއް ލިބިފައިވާ ބަޔަކަށް ސަބަބު އެގޭނެއެވެ. ސަބަބަކީ އެމެރިކާއާއި އިންޑިޔާގެ މައްޗަށް އަސްކަރީ، އިގްތިސާދީ އަދި ޓެކްނޮލޮޖިކަލް މައިދާނުގައި ކުރިއަރަމުންދާ ޗައިނާއަށް ދިވެހިރާއްޖެއަކީ އިންޑިޔާ ނުވަތަ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި އޮތްތަނެއްކަން ދައްކައިދިނުމެވެ.
އެންމެ ފާހަގަކުރެވޭކަމަކީ އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ ކަންކަން އަޅުގަނޑުމެން ދިވެހިންނަށް މިއެގެނީ ރާއްޖެއަކީ އިންޑިޔާގެ ބެކްޔާޑުކަމަށް ސިފަކޮށްހަދާ އިންޑިޔާގެ ނޫސްތަކުން ފަޚްރުވެރިކަމާއެކު އެވާހަކަތައް ލިޔުމުންނެވެ.
ކޮންމެއަކަސް އަޅުގަނޑުމެންގެ ސަރުކާރުން އެމެރިކާއާއި އިންޑިޔާގެ އަތްމައްޗަށް ދިވެހި ގައުމު މިދޫކޮށްލާ ދޫކޮށްލުން އަދި އެގޮތަކަށް ނުދާނެކަން އެކަންކުރައްވާ ބޭފުޅުންނަށް އެގިވަޑައިގަންނަވައެވެ. އެކަންކުރާކަމަށްވާނަމަ ރައްޔިތުންގެ މަޖިލިސްތެރެއަށް އަންނަންޖެހެއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން އެކަނި މަޖިލީހުގެ މެޖޯރިޓީ ހޯދާ އެއްސަބަބަކަށް މިސަބަބު ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް