އަނިޔާކުރި މައްސަލައިގައި ހޯމް މިނިސްޓަރާއި ކަރެކްޝަނުގެ އިސްވެރިން ކޮމެޓީއަށް ހާޒިރުކުރަނީ
މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ތިބި ގައިދީންނަށް އަނިޔާކުރި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކަރެކްޝަނަލް ސާވިސްގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި މިނިސްޓަރާއި ކަރެކްޝަނުގެ އިސްވެރިން ކޮމިޓީއަށް ހާޒިރު ކުރަން ފާސްކުރުމުގެ އިތުރުން، އެކޮމެޓީން ވަނީ ޖަލުގެ ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރާއި، ކަރެކްޝަން ސާވިސްއާއި އެޗްއާރުސީއެމުން ޖަލަށް ޒިޔާރަތްކުރުމަށްފަހު އެ ކުލަވާލި ރިޕޯޓްތައް ކޮމިޓީން ބަލައި އެ މައްސަލަ ސާފު ކުރުމަށްވެސް ނިންމައިފައެވެ.
އެގޮތަށް ފާސްކުރީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ހަ މެންބަރުންގެ އިއްތިފާގުންނެވެ.
ޖަލުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ވެސް މިއަދު މެންދުރު ބާއްވަން ވަނީ ނިންމައިފައެވެ.
އަދި މިހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިއަދު ވަނީ ޖަލަށް ވަޑައިގެންފައެވެ.
އަދި ގައިދީންނަށް އަނިޔާކޮށް ބޯބޭލުވި މައްސަލައިގައި ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުންދާއިރު، މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުންވަނީ ގައިދީންނަށް އަނިޔާކުރީ ކަނުބަނދެ ފަހަތަށް ބިޑި އަޅުވައިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށް ބުނެ، އެކަންކުރި މީހުންނަށް އަދަބު ދިނުމަށްވެސް ގޮވާލާފައެވެ.
ހޯމް މިނިސްޓަރު ވިދާޅުވެފައިވަނީ ގައިދީންނަށް އަނިޔާކުރި މައްސަލަބަލައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޖަލުގައި ހިންގި ހަމަނުޖެހުންތަކުގައި ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކުރި ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް