ރައީސް ސޯލިހުގެ ޚާއްސަ ސިޓީއެއް ސީޝެލްސްގެ ރައީސަށް އަރުވައިފި
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސީޝެލްސްގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ ޑެނީ ފޯރ ގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ސީޝެލްސްގެ ރައީސްގެ ރަސްމީ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ސީޝެލްސްގެ ރައީސަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ރަސްމީ ސިޓީފުޅެއް އަރުވާފައެވެ.
މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިނިސްޓަރ ޝާހިދުގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް, އަލްފާޟިލް އަޙްމަދު މަޚްލޫފް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚާރިޖީ ވަޒީރު ޝީސެލްސްއަށް މިހާރު ކުރައްވަމުން ގެންދާވާ ރަސްމީ ދަތުރުފުޅަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް