ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ޖޭއެސްސީ އިން ބަލަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހަމަވޭތޯ ބަލަން، ޖުޑިޝަލްސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މާދަމާ ބާއްވާ ޖޭއެސްީގެ ޖަލްސާއަށް ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން އެޖެންޑާކުރީ މިދިޔަ ބުދަ ދުވަހު މަޖިލީހުން ފާސްކުރި ގަރާރާއި ގުޅިގެންނެވެ.
ސުޕްރީމްކޯޓްގެ ފަސް ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ޖޭއެސްސީއަށް އެންގުމަށް 69 މެމްބަރުންގެ ވޯޓާއި އެކު މިދިޔަ ބުދަ ދުވަހު މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.
ޖޭއެސްސީގެ މެންބަރުން މަޖިލީހުގެ ކޮމެޓިއަށް ހާޒިރުކޮށް މެންބަރުންނާއި ސުވާލުކުރުމުން މެންބަރުންވަނީ ޖޭއެސްސީ ހިންގުމަށް ސްޕްރީމް ކޯޓުން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށްފައެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން މަޖިލީހުން ފާސްކޮށް ޖޭއެސްސީން އެކަން ކުރުމަށް ގަރާރު ފާސްކުރި އިރު، މިސަރުކާރުން ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ހިޔާނާތުގެ ތުހުމަތުކޮށްފައެވެ.
އެމައްސަލައިގައި ފަނޑިޔާރު ދީދީ ސަސްޕެންޑްކުރުމަށް ޖޭއެސްސީން ނިންމުމުން އެމައްސަލަ ބަލައި ނިމި ވަކިގޮތެއް ކަނޑައަޅަންދެން އަމުރު ތަންފީޒު ނުކުރުމަށް އަންގައި ސްޕްރީމް ކޯޓުން ނެރުނު ތިން އަމުރުވެސް މަޖިލީހުން ވަނީ ބާތިލުކޮށްފައެވެ.
ފަނޑިޔާރު ދީދީގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރައްވައި އެމައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް