ހުޅުމާލޭ ރައްޔިތުންނާ ބައްދަލު ނުކޮށް މަލޭ ސިޓީ ކައުންސިލުން މިހާރު ދައްކަނީ ބަހަނާ: ޑރ. މުއިއްޒު
މާލޭ ސިޓީ ކައުންސިލަށް ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލު ނުކުރެވުނީ ކުރީގެ ސަރުކާރުން އެ ފުރުސަތު ނުދިނުމުން ކަމަށް ވިދާޅުވުމުން، ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުޙައްމަދަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ.
މުއިއްޒު ޝިފާއަށް ފާޑު ވިދާޅުވެފައިވަނީ، ހަތް އަހަރު ވަންދެން ސިޓީ ކައުންސިލަށް ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލު ނުކުރެވުނީ، އެކަން ކުރުމުގެ ހުއްދަ އޭރު ނުލިބިގެން ކަމަށް ވިދާޅުމުންނެވެ. ޝިފާ ވިދާޅުވެފައިވަނީ ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ފާއިތުވި ހަތްއަހަރު ވަރަށް ބުރަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި އެކި މުއައްސަސާތަކަށް ލިޔުމުންވެސް އެކަން ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށާއި އެއީ ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލު ނުކުރުމަށްފަހު ސިޓީ ކައުންސިލުން ދައްކާ ބަހަނާ ކަމަށެވެ. އަދި ސިޓީ ކައުންސިލުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެކައުންސިލްގެ ޒިންމާތައް ފުރިހަމައަށް އަދާ ކޮށްފައި ނުވާކަންވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މިރޭ 20:45 ގައި ރެހެންދި ސްކޫލް ހޯލްގައި ހުޅުމާލޭގެ ރައްޔިތުންނާއި ސިޓީ ކައުންސިލުން ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެބައްދަލު ކުރެއްވުމުގައި އެޗްޑީސީ އާއި ޕްލޭނިންގ މިނިސްޓްރީން ވެސް ބައިވެރިވާނެއެވެ. މާލެ ސިޓީ ކައުންސިލްގެ ފަރާތުން ފާއިތުވެދިޔަ ހަފްތާގައި ވަނީ ވިލިމާލޭގެ ރައްޔިތުންނާއި ބައްދަލު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް