ޔޫއޭއީއާއެކު ގުޅުން ބަދަހިކުރުމަށް ޒަމީރު އަބޫދާބީއަށް
ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ރަސްމީ ދަތުރެއްގައި އަބޫދާބީއަށް ވަޑައިގެންފިއެވެ.
މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ މި ދަތުރުގައި، ޒަމީރު ޔޫއޭއީގެ ބޮޑުވަޒީރުގެ ނާއިބު އަދި ހާރިޖީ ވަޒީރު، ހިޒް ހައިނަސް ޝެއިހް އަބްދުالله ބިން ޒައިދު އަލް ނަޙްޔާނާ ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ. އަދި މީގެ އިތުރުން ޔޫއޭއީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާވެސް ބައްދަލުކުރައްވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއްވިއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މި ދަތުރުން މަގުފަހިވާނެ ކަމަށް ފޮރިން މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
މި ދަތުރުގައި ޒަމީރުގެ އިތުރުން، އެމްބެސެޑަރ-އެޓް-ލާޖް އަހުމަދު ނަސީރު، ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދު އަދި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް