އެމްޑީއެންގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުންދާނެކަމަށް ބުނެފި
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ ފަރާތުން ކުރަމުންދާ މަަސައްކަތްތައް ހުއްޓާނުލާނެކަމަށް އެ ޖަމްއިއްޔާއިން ބުނެފިއެވެ.
މިހެން އެ ޖަމްއިއްޔާއިން ބުނެފައިވަނީ އެ ޖަމްއިއްޔާ ރަސްމީކޮށް އުވާލިކަން ޔޫތު މިިނިސްޓްރީން އިއްޔެ އިއުލާންކުރުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
އެމްޑީއެންއިން ބުނީ އެ ޖަމްއިއްޔާ އުވާލަން ޔޫތު މިނިސްޓްރީން ނިންމީ ޖަމްއިއްޔާގެ ރަޖިސްޓްރީ ބާތިލްކުރުމަށް ނިންމި ނިންމުމާއި ގުޅިގެން އިޖާބަދީފައި ނުވާކަމަށް ބުނެ ނަމަވެސް، އެއީ ހަގީގަތާއި ޚިލާފު ވާހަކައެއް ކަމަށެވެ. އެގޮތުން އެ ޖަމްއިއްޔާ އުވާލާފައިވަނީ ޖަމްއިއްޔާތަކުގެ ގާނޫނާއި ޚިލާފްވެގެންކަމަށް ޔޫތު މިނިސްޓްރީން ބުނި ނަމަވެސް، އެކަމުގެ ތަފްސީލެއް ދީފައިނުވާކަމަށް އެމްޑީއެން އިން ވަނީ ބުނެފައެވެ.
އަދި ފުލުހުންނާއި ޔޫތު މިނިސްޓްރީންވެސް އެ ޖަމްއިއްޔާއާއި މެދު ކުރެވުނު ތުހުމަތުތަކާއި ގުޅިގެން ސުވާލުކޮށްފައި ނުވާކަމަށް ވަނީ ބުނެފައެވެ.
އެމްޑީއެންއިން ބުނީ އެ ޖަމްއިއްޔާއިން ދެކޭގޮތުގައި އެމްޑީއެން އުވާލުމަށް ނިންމީ އެފަރާތުން އިޖާބަ ނުދީގެނެއް ނޫނެވެ. ނަމަވެސް އެއީ އެ ޖަމްއިއްޔާއިން ކުރި ސުވާލުތަކަށް ދެވޭނެ ޖަވާބެއް ނެތުމާއި އެކު، އިތުރު އިލްޒާމެއް އަޅުވައިގެން ކުރި ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
މި ބަޔާނުގައި އިތުރަށްވަނީ 2016ވަނަ އަހަރު ނެރުނު ރިޕޯޓްގައި ދީނަށް ފުރައްސާރަކޮށްފައި ނުވާނެކަމަށް ބުނެފައެވެ.
އެމްޑީއެންއިން ވަނީ އެ ޖަމްއިއްޔާއިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ސުލްހަމަސަލަސް ކަމާއި، ޑިމޮކްރެސީގެ އުސޫލުތަކާއި ގާނޫނުގެ ވެރިކަމާއި އިންސާނީ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުމަށް ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ޖަމިއްޔާގެ މަސައްކަތް މާތްﷲ ގެ ވާގިފުޅާއެކު ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެކަމަށްވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް