ރިލްވާންގެ ތަހުގީގަށް ހުރަސް އެޅި ފަރާތްތަކަށް ފިޔަވަޅު އަޅަން އެދިއްޖެ
މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނު ކުރުމަށްފަހު މަރާލި މައްްސަލައިގެ ތަހުގީގަށް ހުރަސް އެޅި ކުރީގެ ސަރުކާރާއި ދައުލަތުގެ އިސް ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ރިލްވާންގެ އާއިލާއިން ގޮވާލައިފިއެވެ.
ރިލްވާންގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން މަރު ކޮމިޝަނުން، މައުލޫމާތު ހިއްސާކުރުމާ ގުޅިގެން އޭނާގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިލްވާނަށް އިންޒާރު ދީ، އޭނާ މަރާލަން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިހުރެ، އެކަމާ އަޅާނުލައި، ރިލްވާން މަރުވުމަށްފަހު އެކަން ފޮރުވުމަށް ދައުލަތުގެ ވެރިންތަކެއްގެ ވާގިވެރިކަން ލިބިގެން ދިޔުމަކީ ފާއިތުވި ފަސް އަހަރު އެކަމާ ކުރިމަތިލާން ޖެހުނު ކަމެއް ކަަމަށެވެ.
އަދި އެކަމަށް އިންސާފު ހޯދުމަކީ އެ އާއިލާއިން ތަހައްމަލު ކުރަން ޖެހުނު ނުހަނު ބޮޑު ތަކުލީފެއް ކަމަށާއި، މިއީ ގިނަ އާއިލާތަކުން ކުރިމަތިލާނެ ކަމެއް ނޫން ނަމަވެސް، ކޮއްކޮ(ރިލްވާން)އަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރީ އިތުރު އާއިލާއަކަށް މިފަދަ ހިތާމަވެރި ތަޖުރިބާއެއް ކުރަން ނުޖޖެހޭނެ ގޮތް ހެދުމަށް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ރިލްވާންގެ އާއިލާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އޭނާއަށް އިންސާފފު ނުލިިބި އޮންނަހާ ދުވަހަކު ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތް ނުކުޅެދިފައިވާކަން ހާމަވެގެންދާނެ ކަމަށެވެ.
ރިލްވާން ގެއްލުވާލި މައްސަލައިގައި މަރުތަކާ ބެހޭ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ރިލްވާން ރަހީނުކޮށްގގެން ޑިންގީއަކަށް އެރުވުމަށްފަހު ކަނޑު އުޅަނދަކަށް ގެންގޮސް މަރާލާފައިވާ ކަމަށެވެ. އަދި އެ އުޅަނދު ދުއްވީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހެއް ކަމަށްވެސް ވިދާޅުވިއެވެ.
ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ދައުލަތުގެ އިސް ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅަން ބޭނުންވާ ކަމަށް އޭނާގެ އާއިލާއިން ބުނެފައިވާއިރު، އޭނާ ރަހީނު ކުރުމަށްފަހު މަރާލި މައްސަލަ ރަސްމީކޮށް ހުށަހެޅުމުން އިންސާފު ގާއިމުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅުއްވާނެކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ (ޕީޖީ) އޮފީހުން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން ކުރި ޓުވީޓެއްގައި ބުނީ ރިލްވާން ގެ މައްސަލައާ ގުޅޭ ގޮތުން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނާ އެކު މަސައްކަތް ފަށާފައިވާ ކަމަށާއި މައްސަލަ ރަސްމީކޮށް ޕީޖީ އޮފީހަށް ހުށަހެޅުއްވުމުން އިންސާފު ގާއިމުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް