ރާއްޖޭގައި ދެން ހަދަންވީ ނަލަ ބަނދަރުތަކެއް: ރައީސް ނަޝީދު
ރާއްޖޭގެ ރަށްރަށުގައި ދެން ހަދަންވީ ނަލަ ބަނދަރުތަކެއް ކަމަށާއި އެކަމާ މެދު ވިސްނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ސުކޫލުތަކުގެ ދަރިވަރުން އެންވަޔަރަންމަންޓް އެންޑް ކްލައިމެޓްޗޭްންޖް ކޮމެޓީއާ ބައްދަލު ކުރުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ދަރިވަރުންނާއެކު ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ނަލަ ބަނދަރަކީ ގުދުރަތީ ބަނދަރެއް ކަމަށެވެ. އަދި ނަލަ ބަނދަރެއް ހެދޭނީ ރަށުގެ ބޭރުން ތޮއްޓެއްލުމަށްފަހު، ތޮށީގެ ބޭރުގައި ގަސް ހައްދައިގެން، ރަށުގެ ފަޅުތެރެ ގަދަނުވާނެ ގޮތަކަށް ކަމަށް ވިދާޅުވިއެވެ.
މިވިސްނުން ރާއްޖެއިން ގެންގުޅެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ކޮންކްރީޓުން ހަދާ ބަނދަރުތައް ހެދުން ހުއްޓައިނުލައި ފަރު ނުޖެހޭނެ ކަމަށާއި ބޭނުންވަނީ އަމާން ބަނދަރެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިން ބޭނުންވަނީ އޮޑިވެރިޔާ ފައިގައި ވާޖަހައިގެން އޮޑި ބަލަހައްޓަން ހޮޅުއަށީގައި އޮންނަން ނުޖެހޭނެ ގޮތެއް ކަމަށެވެ. އަދި ގަދަވުމުން އޮޑިވެރިޔާއާއި ފަޅުވެރިން ހޭލާ ތިބެން ނުޖެހޭނެ ގޮތެއް ހޯދުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ނަޝީދު ވިދާޅުވީ ތިމާވެއްޓަށް އަންނަމުންދާ ނުރަގަޅު ބަދަލާއި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިވެހިން މިދަންނަ ދުނިޔެ، ގިނަ ދުވަސްތަކުގައި އޮވެދާނެ ކަމަށް ހަގީގަތުގައި ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދަރިވަރުންނަށް ނިސްބަތް ކުރައްވައި ނަޝީދު ވިދާޅުވީ، އެކުދިންގެ މާމަ ނުވަތަ ކާފަ ދަރިންނާ ހަމައަށް އަންނަ އިރު ބަޔޯޑައިވާސިޓީ ބަދަލުވެގެންދާނެ ކަމަށާއި ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން މިހާރު ހިފަހައްޓަމުންދާ ދިއުމާއެކުވެސް ދުނިޔެ މިހެން އޮވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ކުރިއަށް އޮތްތަނުގައި މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ހޫނު މޫސުމުގެ ދުވަސްތައް ދިގުވުމާއި ވާރޭ ވެހޭއިރު އެއްފަހަރާ ގިނައިން ވެހުމާއި ވައިގަދަވުންފަދަ ކަންތައްތައް ކުރިމަތިވާނެ ކަމަށެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ކުރެވިދާނެ ކަންކަން ބަޔާންކޮށް، ޤިޔާސުއްދީން ސްކޫލުން އިސްނަގައިގެން މާލޭގެ 16 ސްކޫލެއްގެ ދަރިވަރުން މިއަދު ވަނީ ރައްޔިތުން މަޖިލީހަށް ގޮސް މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ދަރިވަރުން ހުށައެޅި ހުށައެޅުމާއި ހަވާލުވެޑައިގަތީވެސް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް