ފަނޑިޔާރު ރައޫފްގެ މައްސަަލަތަކެއް ޖޭއެސްސީއަށް ހުށައަޅައިފި
ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ މައްސަލަތަކެއް ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ހުށައަޅައިފިއެވެ.
އެކޮމިޝަންގެ މެންބަރުކަމުގައިވެސް އިންނެވި ރައޫފްގެ މައްސަލަ އެކޮމިޝަނަށް ހުށައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އެބޭފުޅާ އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހުށައަޅުއްވާފައި ވަނިކޮށެވެ.
މިއަދުގެ ވަގުތެއްގައި ކޮމިޝަންގެ މެންބަރުކަމުން ރައޫފް ވަނީ އިސްތިއުފާދެއްވާފައެވެ. އެބޭފުޅާއާއި ގުޅޭގޮތުން ޖޭއެސްސީއަށް ހުށައަޅާފައިވާ މައްސަލައިގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ރާއްޖޭގެ އޮންލައިން މީޑިޔާއެއްކަމުގައިވާ "އަވަސް"އިން ބުނެފައިވާ ގޮތުގައި އަމިއްލަ ފަރާތަކުން ރައޫފްެއާއި ދެކޮޅަށް ޖޭއެސްސީއަށް މައްސަލަ ހުށައަޅާފައިވަނީ ގާކޮށިން ފްލެޓެއް ހޯއްދެވުމާއި ބެހޭގޮތުންނެވެ.
އެގޮތުން އެ ފްލެޓް ހޯއްދެވީ ކުރީގެ ސަރުކާރުން ބޭނުންވި ގޮތަށް މައްސަލައެއް ނިންމުމަށްފަހު އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލުކުރެއްވުމަށްފަހުގައިކަމަށް އެ މައްސަލައިގައި ތުހުމަތުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.
ފޮޓޯ: މިހާރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް