މެންބަރުން ވަކިވިޔަސް ޕީޕީއެމް ބަލިކައްޓެއް ނުވާނެ: ރައީސް ޔާމީން
ޕީޕީއެމް ބަލިކަށި ނުވާނެ ކަމަށް އެޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އެހެން ވިދާޅުވީ، ޕީޕީއެމްގައި އިސްކޮށް އުޅުއްވި ގިނަ މެމްބަރުން މިރޭ ޖޭޕީއާ ގުޅިވަޑައިގަތުމުންނެވެ.
ސަޕޯޓަރުންގެ ވައިބަރ ގްރޫޕްގައި ގިނަ ސަޕޯޓަރުން އެކަމާ ހިތްހަމަ ނުޖެހިގެން ވާހަކަދައްކަމުން ދަނިކޮށް ރައީސް ޔާމީން އެގްރޫޕްގައި ވިދާޅުވީ " އިންޝާﷲ، ޕީޕީއެމް ބަލިކަށްޓެއް ނުވާނެ" ކަމަށެވެ.
މިރޭ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖޭޕީއާ ގުޅިވަޑައިގެންފައެވެ. އެބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ކުރީގެ ނައިބުރައީސް އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު، ޕީޕީއެމްގެ ތަރުޖަމާނު އަދި ކުރީގެ ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފް، އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާޙް ހިމެނެއެވެ.
އަދި ރައީސްޔާމީންގެ ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދާއި މިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުވެސް މިރޭ ޖޭޕީއާ ގުޅިވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް