ރާއްޖޭގެ ނޫހަކާއި ދެކޮޅަށް އިންޑިޔާގެ ބިލިޔަނަރަކު ދައުވާކުރަނީ
ރާއްޖޭގައި ހިންގާ އިނގިރޭސިބަހުގެ އޮންލައިން ނޫހަކާއި ދެކޮޅަށް އިންޑިޔާގެ ބިލިޔަނަރަކު 100 މިލިޔަން ޑޮލަރުގެ ބަދަލެއް ހޯދަން ދައުވާކުރާނެކަމުގެ އިންޒާރުދީފިއެވެ.
ބިލިޔަނަރ އަބީޝޭކް ވަރްމާ މިފަދައިން އިންޒާރުދީފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ހަތިޔާރުގެ ވިޔަފާރިވެސް އޮންނަ އަބީޝޭކް ވަރްމާއާއި ބައްދަލުކުރެއްވިކަމަށް ބުނެ ދަ މޯލްޑިވްސް ރިޕޯޓް ކިޔާ ނޫހަކުން ޝާއިއުކުރި ޚަބަރަކާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ކުރި ފޭސްބުކް ޕޯސްޓްތަކެއްގައި އަބީޝޭކް ބުނީ އެ އާޓިކަލްގައި އޭނާއާ ގުޅޭގޮތުން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ. އެހެންކަމުން އެކަަމަށް އެ ނޫހުން އާންމުންގެ ކުރިމަތީ މާފަށް އެދުމަށް އަބީޝޭކް ވަނީ ގޮވާލާފައެވެ.
އަދި މާފަށް ނޭދިއްޖެނަމަ އެކަމުގެ ބަދަލު ހޯދަން ތިން ދުވަހުގެތެރޭ ރާއްޖޭގެ ކޯޓާއި ބައިނަލް އަގުވާމީ ކޯޓުތަކަށް ދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ ޚަބަރުގެ ބަދަލެއްގެ ގޮތުގައި 100 މިލިއަން ޑޮލަރު ހޯދަން ހުށަހަޅާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަބީޝޭކް ވަނީ އެ ނޫހުގެ އެޑިޓަރުގެ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 500 ޑޮލަރު ދޭނެކަމަށްވެސް ފާހަގަކޮށްފައެވެ.
އެ ނޫހުގެ ރިޕޯޓްގައި ވަނީ ކުރީގެ ރައީސް ނަޝީދު މެދުވެރިކޮށް އަބީޝޭކްގެ އޮލިއާލިއާ ކުންފުނިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހޯދަން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް