ރާއްޖެއާާއި އިންޑިޔާާގެ ގުޅުން ގޯސްވިކަމަށް ބުނެވޭނީ ދިވެހިން ބޮލީވުޑްގެ ފިލްމްތައް ބެލުން ހުއްޓާލުމުން: ރައީސް ނަޝީދު
ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުން ގޯސްވިކަމަށް ބުނެވޭނީ ދިވެހިން ބޮލީވުޑްގެ ފިލްމްތައް ބެލުން ހުއްޓާލުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ޚަބަރުފަތުރާ ވަސީލަތެއްކަމުގައިވާ އޭއެންއައިއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއިން ޚާރިޖީ ދާއިރާގައި އިންޑިޔާ ފަސްޓް ޕޮލިސީއެއް ކަނޑައަޅާފައިވާ ކަމަށާއި ޒަމާނުއްސުރެ ދެގައުމުގެ މެދުގައި ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އަދި އެ ގުޅުން ގޯސްވިކަމަށް ބުނެވޭނީ ދިވެހިން ބޮލީވުޑްގެ ފިލްމްތައް ބެލުން ހުއްޓާލައި، ބިރިޔާނީއާއި ގުލާބް ޖާމުން ކެއުން ހުއްޓާާލާ ހިސާބުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ދެގައުމުގެ ސަރުކާރުތަކުގެ މެދުގައި މައްސަލަތައް ޖެހުނު ފަހަރުތައް އައިސްފައިވާކަމަށް ރައީސް ނަޝީދުވެސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ދެގައުމުގެ ގުޅުން އޮތީ ވަރަށް ވަރުގަދަކޮށް ކަަމަށާއި، ދެ ގައުމުގެ މުސްތަގްބަލު އުޖާލާވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް