އެމްޑީއެން ދީނަށް ފުރައްސާރަކުރުން: ބަލައެއް ނުގަނެވޭ އެކަމަކު އަޅާނެ ފިޔަވަޅެއްނެތް!
މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ ފަރާތުން އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި އެކު ސަރުކާރައްތާއީދު ކުރާ މަޖިލިސް މެންބަރުންގެ އިތުރުން ސިޔާސީ ފަރާތްތައް ވެސް ވަނީ އެމްޑީއެން އަށް ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ.
އެގޮތުން އެންމެ ފުރަތަމަ މިކަން ކުއްވެރިކުރެއްވި ސަރުކާރު ވަޒީރަކީ ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ވަނީ "އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން އެބޭފުޅާއަށްވެސް އަދި ދިވެހި އެއްވެސް ރައްޔިތަކަށް ބަލައިނުގަނެވޭ ކަމަށާއި އަދި ބައެއް ފަރާތްތަކަށް އިސްލާމްދީނަށް ޖޯކު ޖަހާ ފުރައްސާރަކުރުމަކީ މާ މޮޅު އަދި ކޫލް ކަމެއްނޫންކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
ޖަމިއްޔާތަކުގެ ބެލެނިވެރިފަރާތް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ހުންގާނުގައި ހުރެ، ހަމައެކަނި ފޭސްބުކް ސްޓޭޓަސްއަކުން ނުފުދޭނެ ކަމަށާިއި، އޭމްޑީއެން އުވާނުލަންޔާ ސަޅިއެއްވެސް، ކޫލްއެއްވެސް ނޫންކަމަށް ސޯޝަލް މީޑިޔާގައި އެތައް ބަޔަކު ދަނީ މަހްލޫފްގެ މި ޕޯސްޓްއަށް ރައްދުދެމުންނެވެ.
މިމައްސަލާގައި މިނިސްޓްރީން ވަނީ ވަރަށް "ފިނި" ބަޔާނެއް ނެރެ ރާއްޖޭގެ ޖަމިއްޔާތަކުން އެފަދަ އަމަލުނުކުރުމަށް އިލްތިމާސްކުރައްވާފައިއެވެ.
މީގެ އިތުރުން ހޯމް މިނިސްޓަރ އަދި ދީނީ އިލްމުވެރިޔާ އިމްރާން މުހައްމަދު ނިސްބަތްވެވަޑައިގަންނަވާ މި ސަރުކާރުގެ ބައިވެރިއެއްކަމަށްވާ އަދާލަތު ޕާޓީން ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް އިން ނެރުނު ރިޕޯޓްވާ ވާހަކަތައް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

"މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ މި މައްސަލާގައި ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާ އުފުލުމަށް ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކަށް ގޮވާލަމެވެ. ޖަމިއްޔާއެއްގެ ޝަހުސުގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ފުުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަމަށް މި ޕާޓީން ދެކެމެވެ." އަދާލަތުގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދާލަތް ޕާޓީން މިފަދައިން ބަޔާން ނެރެފައިވާ އިރު މިހާތަނަށްވެސް މިނިސްޓަރ އިމްރާން ހުންނެވީ ހަނުއެވެ.
ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން އާންމުކުރި ރިޕޯޓާ ގުޅޭ! https://t.co/Kj7lQ0gFij
— Adhaalath Party (@AdhaalathOffice) October 4, 2019
ސަރުކާރުން މިކަމާ ހިމޭނުން އޮތްނަމަވެސް ރާއްޖޭގެ އެތައްބަޔަކު އަދިވެސް ދަނީ މިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އެގޮތުން އޮންލައިން ޕެޓިޝަން ފްލެޓްފޯމް ކަމުގައިވާ ޗޭންޖެ.އޯގް ގައި އެމްޑީއެން އާއި ދެކޮޅަށް ފިޔަވަޅު އަޅައި އެޖަމިއްޔާ އުވާލުމަށް ރައީސް ސޯލިހަށް ގޮވާލައި ހަދާފައިވާ ޕެޓިޝަނުގައި މިހާތަނަށް 15،000 ގާތްކުރާ އަދަދަކަށް މީހުންވަނީ ސޮއިކޮށްފައެވެ.
https://www.change.org/p/dhivehi-rayyithun-banmdn
މީގެ ކުރިން ވަނީ ދީނާ އިދިކޮޅަށް އެމްޑީއެންގެ ވެރިންކަމުގައިވާ ޝަހިންދާ ފަދަ ފަރާތްތަކުގެ ވާހަކަ ޢާއްމުންނަށް ގެނެސްދެމުން އައި "ސިރޫ އާޓް" ނަފުރަތު އުފައްދަނީކަމަށް ބުނެ ފުލުހަށް ހާޒިރުކޮށްފައެވެ.
ނަމަވެސް މިހާތަނަށް ވެސް މި މައްސަލާގައި އެމްޑީއެންގެ ވެރިން ފުލުހަށް ހާޒިރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.
ޝަހިންދާ ގެ ނަފުރަތު އުފައްދައި ފާއިތުވި ދެދުވަހު އިސްލާމިކް މިނިސްޓްރީއާއި މިނިސްޓަރ މަހުލޫފަށް އަމާޒްކުރައްވައި ކުރެއްވި ޓުވީޓުތަކަށް ވެސް ފުލުހުން ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަކޮށް ޢާންމުން ގެންދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވަމުންނވެ.
މިއީ މިހާރުގެ ސީޕީ ހަމީދު ބޯޑު މެންބަރުކަން ކުރެއްވި ޖަމިއްޔާއެއްކަމުން ފިޔަވަޅު ނާޅަނީކަމަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރައްވާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކޮންމެއަކަށް ސަރުކާރުގެ އިސްވެރިންތަކެއް ނިސްބަތް ވެވަޑައިގަންނަވާ، އަދި އުޅުއްވާފައިވާ މި ޖަމިއްޔާއާއި މެދު މިހާތަނަށް ވެސް ފިޔަވަޅު ނާޅައި ސަރުކާރުން، އަދި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އަންނަނީ މިކަން ބަލައި ނުގަނެވޭނެކަމަށް ބުނެ ޓުވީޓު ކޮށް ބަޔާން ނެރުމުގެ އިތުރުން އިތުރު އެއްވެސް ފިޔަވަޅެއް އަޅަން ނުކުޅެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް