އިމިގްރޭޝަން ގުދަނުން ވައްކަން ކުރި ކަމަށް ތުހުމަތުވާ މީހަކު، ވަގަށް ނެގި ތަކެތި ވިއްކަން ހުއްޓާ ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އޯކިޑް ބިލްޑިންގގައި ހުންނަ، މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އަދި އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.
މި މައްސަލައާ ގުޅިގެން، ހައްޔަރު ކުރީ ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ) އެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އިމިގްރޭޝަން ގުދަނުން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.
އަދި މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ވިއްކަން މާރުކޭޓު ސަރަހައްދުގައި މީހަކު އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެ ތަކެއްޗަކީ އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށް ބުނެފައިވެއެވެ.

އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި، އިންޖީނު ސްޕެއާޕާޓްސްއާއި އިލެކްޓްރޯނިކް ތަކެއްޗާއި އެހެނިހެން ތަކެތި ހިމެނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް