މަހްލޫފް އެކައުންޓަށް ޑޮލަރު ޖަމާކުރިއިރު އެސްއޯއެފް އަތުގައި ޑޮލަރު މާރުކުރުމުގެ ހުއްދައެއް ނެތް!
ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން 33،000 ޑޮލަރު ޖަމާކުރި އިރު އެކުންފުނީގެ އަތުގައި ޑޮލަރު ގަތުމުގެ ހުއްދައެއް ނެތްކަން ހާމަވެއްޖެއެވެ.
މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.
މަހްލޫފް ބުނެފައިވާ ގޮތުގައި އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 30،000 ޑޮލަރަކީ އެސްއޯއެފް ކުންފުނިން ދިވެހި ފައިސާ ދިނުމަށް ފަހު ގަނެފައިވާ ޑޮލަރު ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަށް މަހްލޫފް ވަނީ 31 އޯގަސްޓް 2014 ވަނަ ދުވަހުގެ ރަސީދެއް ވެސް އާއްމުކޮށްފައެވެ.
އެސްއޯއެފަށް ޑޮލަރު މުއާމަލާތް ކުރުމުގެ ހުއްދައެއް އޮތް ފަރާތެއް ކަން ނުވަތަ ނޫންކަން އޭސީސީގެ ތަހުގީގަށް އެނގިފައިވޭތޯ އޮޅުންފިލުވުމަށް "ވޮއިސް އެމްވީ" އިން އޭސީސީގެ ނައިބް ރައީސް މުއައްވިޒް ސުވާލު ދެންނެވުމުން އޭނާ ވިދާޅުވެފައިވަނީ އެސްއޯއެފަށް ޑޮލަރު މާރުކުރުމުގެ ހުއްދަ ދީފައި ވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ކަމަށެވެ.
އޭސީސީގެ ތަހުގީގުން އެނގުނީ 13 ޖެނުއަރީ 2015 ގައި އެސްއޯއެފަށް ދޫކުރި ޑޮލަރު މާރުކުރުމުގެ ހުއްދަ 21 ޖޫން 2016 ގައި ބާތިލްކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް