ސަރުކާރުގެ ދަތުރުފަތުރުގެ ޚަރަދު 100 މިލިއަން ރުފިޔާއަށް އަރައިފި
ސަރުކާރުން ކުރާ ދަތުރު ފަތުރުގެ ހަރަދު މިއަހަރުގެ މިހާތަނަށް 100 މިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް ސަރުކާރުން ދަތުރުފަތުރު ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުގެ ގާތްގަނޑަކަށް 72 ޕަސެންޓް ހޭދަކޮށްފައިވެ އެވެ.
މި އަހަރުގެ ބަޖެޓުގައި ދަތުރުފަތުރުގެ ޚަރަދަށް 141.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
މިސަރުކާރުގެ ބައެއް ވަޒީރުން ގެންދަވަނީ ބޭރުގެ އެކި ގައުމުތަކަށް ތަފާތު އެކި ބޭނުންތަކުގައި ރަސްމީ ދަތުރުތައް ކުރައްވަމުންނެވެ.
އެގޮތުން މިހާތަނަށް އެންމެ ގިނަ ދަތުރުތައް ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ޝާހިދުގެ ދަތުރުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރައްވާފައިވަނީ ތަރައްގީގެ އެކި މަޝްރޫއުތަކަށް މާލީ އެހީތެރިކަމާއި ރާއްޖެއަށް ބޭނުންވާ އެހެނިހެން އެހީތައް ހޯއްދެވުމަށެވެ.
ޝާހިދުގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންވެސް ތަފާތު އެކި އެކި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ބޭރުގެ ބައެއް ގައުމުތަކަށް ދަތުރުފުޅުތައް ކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް